ދާދި ފަހުން އިނގިރޭސި ޕްރިމިއާ ލީގުގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދި، ރޯމާގެ ކުރީގެ ކުޅުންތެރިޔާ މުޙައްމަދު ސަލާހްގެ ޖާދުލާއެކު ލިވަޕޫލުން ރޯމާ ބަލިކޮށް ޗެމްޕިއަންސް ލީގުގެ ފައިނަލާ ގާތަށް ޖެހިލައިފިއެވެ. ރޭ ލިވަޕޫލްގެ އެންފީލްޑް ދަނޑުގައި ކުޅެވުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގްގައި ލިވަޕޫލުން ރޯމާގެ މައްޗަށް ކުރިހޯދީ 5-2 އިންނެވެ.
ރޭގެ މެޗު ފެށުމުގެ ކުރިން ވެސް އެންމެންގެ ލޯތައް އަމާޒުވެފައިހުރީ ލިވަޕޫލްގެ އެންމެ ކުރިއަށް ކުޅޭ މިސްރުގެ މުސްލިމް ކުޅުންތެރިޔާ މުޙައްމަދު ސަލާހްއަށެވެ. ރޭގެ މެޗުގައި މުޙައްމަދު ސަލާހް ދެ ލަނޑު ޖެހިއިރު، އޭނާ ވަނީ އިތުރު ދެ ލަނޑު ޖަހަން މަގުފަހިކޮށްދީފައެވެ. ނަމަވެސް ކުރީގެ ކުލަބާ ދެކޮޅަށް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަން ދެކޮޅުހަދާ، ހުނަރުވެރިކަމާ، މަޑުމައިތިރިކަމާއެކު ހިނިތުންވުމެއް އަބަދުމެ ހަދިޔާކުރާ މުޙައްމަދު ސަލާހް ވަނީ އަނެއްކާ ވެސް އިތުރު އެތައް ބައެއްގެ ލޯބި ހޯދާފައެވެ. ލިވަޕޫލާއި ފުޓްބޯޅައަށް ލޯބިކުރާ އެތައް ބައެއްގެ ހިތްތައް އުފަލުން ރޮއްވާލާފައެވެ. މެޗުގެ ފަހުކޮޅުގައި ގެނައި ބަދަލަކަށް ސަލާހް ދަނޑުން ފޭބިއިރު، ދެ ޓީމުގެ ސަޕޯޓަރުން ވަނީ ކޮޅަށް ތެދުވެ އޭނާއަށް ހޫނު ތަރުހީބެއް ދީފައެވެ.
ރޭގެ މެޗުގެ 35 ވަނަ މިނިޓުގައި ލިވަޕޫލަށް މުޙައްމަދު ސަލާހް ގޯލު ހުޅުވާލަދިނީ ރޮބާޓޯ ފިރްމީނޯ ދިން ބޯޅައަކުންނެވެ. އެއަށްފަހު ފުރަތަމަ ހާފުގެ އެންމެ ފަހު މިނިޓުގައި އަނެއްކާ ވެސް ފިރްމީނޯގެ އެހީތެރިކަމާއެކު ސަލާހް އިތުރު ލަނޑެއް ޖަހާ ލިވަޕޫލްގެ ލީޑް ފުޅާކުރިއެވެ.
ދެ ވަނަ ހާފުގައި ވެސް ލިވަޕޫލުން މޮޅަށް ކުޅުނުއިރު، 12 މިނިޓުގެ ތެރޭގައި އެ ޓީމުން ވަނީ އިތުރު 3 ލަނޑު ޖަހާފައެވެ. ސަލާހްގެ އެސިސްޓަކާއެކު 56 ވަނަ މިނިޓުގައި ސަޑިއޯ މާނޭ ލަނޑެއް ޖެހިއިރު، އަނެއްކާ ވެސް ސަލާހްގެ އެސިސްޓަކާއެކު 61 ވަނަ މިނިޓުގައި ފިރްމީނޯ 4-0 އަށް ނަތީޖާ ބަދަލުކޮށްލިއެވެ.
ޖޭމްސް މިލްނާގެ އެހީތެރިކަމާއެކު ފިރްމީނޯ ވަނީ 68 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ، ފައިނަލްގެ ޖާގަ ގާތްގަނޑަކަށް ކަށަވަރުކޮށްދީފައެވެ.
އެހެނަސް، މެޗުގެ ފަހު 10 މިނިޓުގެ ތެރޭގައި އެޑިން ޖެކޯ އާއި ޕެރޯޓީގެ ލަނޑުތަކާއެކު ރޯމާއަށް ވަނީ ކުޑަ އުންމީދެއް ލިބިފައެވެ. ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ބާސެލޯނާއަތުން ބަލިވުމަށްފަހު، އެންމެން ހައިރާންކޮށްލާ ނަތީޖާ އަނބުރާލި ރޯމާގެ އުންމީދަކަށް ވަނީ އަވޭގައި ކާމިޔާބު ކުރެވުނު 2 ލަނޑާއެކު އަނެއްކާ ވެސް ނަތީޖާ އަނބުރާލުމެވެ. އެހެނަސް އެކަންވާނީ ލިވަޕޫލްގެ ވަރުގަދަ ފޯވާޑުން ހުއްޓުވިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް