ޔާމީންގެ ގާތިލުން ހޯދުމަށް ބޭރުގެ އެހީތެރިކަމަށް އެ ދުމަށް އާއިލާއިން ގޮވާލައިފި

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރަހުމް ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް ބައިނަލް އަގުވާމީ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް އޭނާގެ އާއިލާއިން އެދެފި އެވެ. ޔާމީންގެ ...

25 Apr 2017 | 06:14

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރަހުމް ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް ބައިނަލް އަގުވާމީ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް އޭނާގެ އާއިލާއިން އެދެފި އެވެ.

ޔާމީންގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ މަރުގެ މައްސަލައިގައި އިތުބާރު ހިފޭ ތަހުގީގެއް ހިންގޭނީ ބައިނަލްއަގުވާމީ ފެންވަރުގެ ތަހުގީގީ ތަޖުރިބާކާރުންގެ ބައިވެރިވުމާ އެކު ކަމަށެވެ. އަދި ޔާމީން ދިރި ހުރި އިރު ލިބެމުންދިޔަ އިންޒާރުތައް ފުލުހުންނަށް ހުށަހެޅުމުން ހމާޔަތް ނުދެވުނު ނަމަވެސް މަރުވުމުން އިންސާފު ހޯދައިދޭން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ހާދިސާއަށް 48 ގަޑިއިރު ވީއިރުވެސް މީހަކު ހައްޔަރު ކުރެވިފައި ނުވާތީ ވީހާވެސް އަވަސް މިނެއްގައި ތަހުގީގު ކުރިޔަށް ގެންދަންވެސް އެދިފައިވެ އެވެ. އެ ބަޔާނުގައި ވަނީ ޔާމީންގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދައުލަތުގެ އެންމެހާ ވަސީލަތްތައް ބޭނުން ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް އަބްދުﷲ ޔާމީން ދެއްވި ކަމަށްޓަކައި މަރުހަބާ ކިޔައިފަ އެވެ.

އިތުރަށް ބުނެފައިވަނީ އަނިޔާވެރި އަމަލުތަކަށް ހިތްވަރުދީ އެކަމަށް ގޮވާލައި، އެބާވަތުގެ ކަންކަން ސީދާ ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ނުގެނެވޭތީ އާއިލާ އިން ކަންބޮޑުވާކަމަށެވެ. އެގޮތުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަދި ޔާމީންގެ ރަހްމަތްތެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލަ އާއި މަޖިލިހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކާއި މި ނޫން ވެސް ބޮޑެތި ކުށްތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް ވަނީ މިނިވަންވެފަ ކަން ފާހަގަކޮށް ބުނެފައިވަނީ އެކަމުގެ ނަތީޖާއަކީ ގަތުލުތައް ގިނަވުން ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އަދި މިހާތަނަށްވެސް ޔާމީންގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އަދި ފުލުހުން އިއްޔެ ވަނީ ޔާމީންގެ ގާތިލުން ހޯދުމަށް ކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހެއް ނަމަ އެކަން ފުލުހުންނާއި ހިއްސާ ކުރަން އެދިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް