މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޯވިޑް-19 ފެތުރުނަ ނުދިނުމުގެގޮތުން މިސްރުގައި ދެ ހަފްތާއަށް ކާފިޔު ހިންގަން ނިންމައިފި އެވެ.
މިސްރުން 366 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އިރު އޭގެ ތެރެއިން 10 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.
މިސްރުގެ ބޮޑު ވަޒީރު މުސްތަފާ މަދްބޮލީ ނޫސްވެރިންނާ ބައްދަލު ކުރައްވާ ވިދާޅުވީ، މިއަދުން ފެށިގެން ދެ ހަފްތާ އަށް ކާފިއު ހިންގާނެކަމަށެވެ.
އެއީ ކޮންމެ ދުވަހެއްގެ ރޭގަނޑު ހަތަކުން ހެނދުނު ހަޔަކަށް ށެވެ. ބޮޑު ވަޒީރު ވިދާޅުވީ، ކާފިޔުގެ ވަގުތުގައި އެއްވެސް ކަހަލަ އެއްގަމު އުޅަނދެއް ދުއްވުން މަނާވާނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ހަވީރު ފަހަކުން އަނެއް ދުވަހުގެ ހެނދުނު ހަޔަކާއި ދެމެދު ދެ ހަފްތާގެ މުއްދަތަށް ފިހަރާތަކާއި، މޯލްތަކުގެ އިތުރުން ހިދުމަތްދޭ މަރުކަޒުތައް ބަންދުވާނެ ކަމަށެވެ.
މަދްބޮލީ ވިދާޅުވީ، ހުކުރު އަދި ހޮނިހިރު ދުވަހު ހުރިހާ ތަނެއް ބަންދުވާނެ ކަމަށެވެ. މިސްރުގެ ސަރުކާރުން އެގައުމުގެ ސްކޫލުތަކާއި ޔުނިވާސީޓީތައް އޭޕްރީލް މަހުގެ މެދުތެރޭއާ ހަމަޔަށް ބަންދު ކުރަން ނިންމާފައިވާއިރު، ކެފޭތަކާއި، ނައިޓް ކްލަބްތަކާއި، ސްޕޯޓްސް ކްލަބްތަކުގެ އިތުރުން ޖިމްތައް ވެސް ކުރިޔަށް އޮތް ދެ ހަފްތާ އަށް ބަންދުކުރަން ވަނީ ނިންމާފައެވެ
އެ އެންގުންތަކަށް ބޯ ނުލަނބާ ފަރާތްތައް ޖުރިމާނާ ކުރާނެ ކަމަށް މިސްރުގެ ސަރުކާރުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް