މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ދެ ދުވަސްތެރޭ އެއް ލައްކަ މީހުންނަށް ޖެހިފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައިފި އެވެ.
މިހާތަނަށް ދުނިޔޭގައި ފެތުރުނު އެންމެ ނުރައްކާތެރި ބަލި ކަމަށް ބެލެވިފައިވާ ކޯވިޑް-19 ރެއާ ހަމައަށް 402،384 މީހުންނަށް ޖެހިފައިވެ އެވެ. މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީންނެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުން 100،000 އަށް އަރަން ނެގީ 67 ދުވަހެވެ. އެއް ލައްކަ އިން ދެ ލައްކަ އަށް އަރާފައިވަނީ 11 ދުވަސް ތެރޭގައި އެވެ. އަދި ދެ ލައްކަ އިން ތިން ލައްކަ އަށް އެރީ އެންމެ ހަތަރު ދުވަހެވެ. މީގެ އިތުރުން ރޭ ހަތަރު ލައްކައަށް ބަލި ޖެހިފައިވާ މީހުންގެ އަދަދު އެރީ ދެ ދުވަސް ތެރޭގައި އެވެ.
އިއްޔެއަކީ މި ބަލީގައި އެންމެ ގިނަ މީހުން އެއް ދުވަހާ މަރުވި ދުވަހެވެ. އެގޮތުން ބަލީގައި1743 މީހަކު ދުނިޔޭގެ އެކި ގައުމުތަކުން މަރުވެފައިވެ އެވެ.
މި ބަލި ޖެހިގެން މިހާތަނަށް ޖުމްލަ 17،507 މީހުން ވަނީ މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 103،820 މީހުންނެވެ.
ޗައިނާއިން މި ބަލި މިހާރު ކޮންޓްރޯލްކޮށްފައިވާ އިރު 81،171 މީހުންނަށް ބަލި ވަނީ ޖެހިފަ އެވެ. ޗައިނާ އިން މަރުވެފައި ވަނީ 3،277 މީހުންނެވެ.
މިހާރު އެންމެ ހަލުވިކަމާއި ބަލި ފެތުރެމުންދާ އިޓަލީގައި ބަލިޖެހިފައިވާ މީހުންގެ އަދަދު ވަނީ ޗައިނާ އާއި ގާތް ކުރާ އަދަދަކަށް އަރާފައި އެވެ. އެގޮތުން އިޓަލީން މިހާތަނަށް 63،927 މީހުން ޕޮޒިޓިވްވެފައިވާއިރު އެ ގައުމުން ވަނީ 6،077 މީހުން މަރުވެފަ އެވެ.
ދެން މިބަލި އެންމެ ހަލުވިކަމާއި އެކު ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި ސްޕެއިން އެމެރިކާ، އިނގިރޭސިވިލާތް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް