އެންމެ ފަހު ރުފިޔާއާ ޖެހެންދެން ހަރަދު ކުރާނީ ރައްޔިތުންގެ ރައްކާތެރިކަމަށް!

ކޯވިޑް-19 އާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގައި އެންމެ ފަހު ރުފިޔާ އާއި ޖެހެންދެން ސަރުކާރުން ހަރަދު ކުރާނީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނ...

25 Mar 2020 | 00:56

ކޯވިޑް-19 އާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގައި އެންމެ ފަހު ރުފިޔާ އާއި ޖެހެންދެން ސަރުކާރުން ހަރަދު ކުރާނީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުގެ ތަރުޖަމާނު ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ ވައިރަސް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ނުލިބުމުން އެޅޭނެ ފިޔަވަޅުތައް ވަރަށް ގިނަ ކަމަށެވެ. އެކަމަކު އެ ފިޔަވަޅުތައް އެޅުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި ބަލަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުން ނޫން ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށެވެ. އެގޮތުން އެންމެ ފަހު ރުފިޔާ އާއި ޖެހެންދެންވެސް މިކަމުގައި ހޭދަކުރާނީ ރައްޔިތުންގެ ރައްކާތެރިކަމަށް ކަމަށް ވިދާޅުވި އެވެ.

ފިޔަވަޅެއް އެޅުމުގެ ކުރިން ވިސްނަން ޖެހޭ ކަންކަމުގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި އެނޫން ގިނަ ކަންތައްތަކަކާ މެދު ވިސްނަން ޖެހޭ ކަމަށާއި ހޯދަން ޖެހެނީ ރައްޔިތުންގެ ރައްކާތެރިކަމާ ގުޅޭ ހުރިހާ ކަމެއް ހިމެނޭ ފިޔަވަޅުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރަށް ވިދާޅުވީ ގައުމު ހުއްޓުމަކަށް ގެނެސްގެން ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު މަބްރޫކް ވިދާޅުވީ މިހާރު ބައެއް މީހުން މަގުމަތީގައި އުޅުނަސް ގިނަމީހުން ދެމުންދާ ނަސޭހަތް ގަބޫލުކޮށް ގޭގައި މަޑުކުރަމުންދާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން13 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް