ތައިލެންޑްގައި އިއްޔެ ބޭއްވި އާއްމު އިންތިހާބުގައި ބާތިލުވި ގިނަ ވޯޓުތަކެއް ލާފައިވަނީ ބޮއެގެން މަސްތުވެ ތިބެ ގިނަ ބަޔަކު ވޯޓުލާފައިވުމުން ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން ބުނެފައިވަނީ އެގޮތުން ގިނަ ބަޔަކު ލާފައިވާ ވޯޓު ކަރުދާސް ވީދި، ބޮނޑި ބޮޑިކޮށް، އަދި ވޯޓު ކަރުދާހަށް ގެއްލުންދީފައިވާތީ ބެލިބެލުމުން، ބޮއެގެން ތިބެ ގިނަ ބަޔަކު ވޯޓު ލާފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.
ކަރުދާހަށް ގެއްލުންދީގެން ޖުމްލަ 70 މީހަކު ހައްޔަރުކޮށްފައިވާއިރު އެ އެންމެންނަކީވެސް މަސްތު ހާލަތުގައި ވޯޓުލާން ދިޔަ މީހުން ކަމަށް ބުނެފައިވެއެވެ. އެގޮތުން އެއްބަޔަކު ވޯޓު ކަރުދާސް ވީދާ، އަނެއް ބަޔަކު ބޮނޑިކޮށް އެހެން ކަރުދާހެއް ހޯދަން ދިޔައީ ބޮއެގެން ތިބެ ކަމަށްބުނެފައިވެއެވެ.
ތައިލެންޑްގައި ގަސްތުގައި ވޯޓު ކަރުދާހަށް ގެއްލުން ދީފިނަމަ ތައި ބާތުގެ އެއްލައްކަ ބާތުން ޖޫރިމަނާ ކުރެއެވެ. އެއީ ގާތްގަނޑަކަށް ހަތަރު ހާސް ޑޮލަރެވެ. ނަމަވެސް މަސްތުހާލުގައި އެމީހުން ތިބުމުން އެ މީހުން ޖޫރިމަނާ ކުރުމާއިމެދު އަދި ގޮތެއް ނިންމާފައިނުވާކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް