ޒިޔާދާގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާގެ މައްޗަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހަޅާފައި ވީނަމަވެސް، ކުށް ށާބިތު ނުވާކަމަށް ހުކުމް ކޮއްފައިވަނީ އެ ހެކިތަކަށް ރިއާޔަތްނުކޮއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޝާހުގެ މައްޗަށް އުފުލި ހަތަރު ދައުވާ ބަޔާންކޮއްފައެވެ. އެއީ މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި ރޭޕް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.
އަދި މި ބަޔާނުގައި ބުނެފައިވަނީ، ސާބިތު ކުރެވޭ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް އެ ހެކިތަކަށް ދެވެންވާ ވަރުގެ ބުރަދަނެއް ދީފައިނުވާ ކަމަށެވެ. ހަމަ އެއާއެކު މި މައްސަލަ އިސްތިއުނާފް ކުރަން ނިންމާފައިވަނީ ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ނުދެކޭތީ ކަމަށް ވެސް ބުނެފައިވެއެވެ.
ޒިޔާދާ ނިޔާވީ އޭނާގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން ކަމަށް ޕޯސްޓް މޯޓަމް ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ.
އަދި ޒިޔާދާގެ ބޮލަށް ލިބުނު އަނިޔާއަކީ އޭނާގެ ފިރިމީހާގެ ފަރާތުން ލިބުނު އަނިޔާއެއް ކަމާއި، ޒިޔާދާގެ ސިކުނޑިއަށް ލޭ އެޅުނީ އެ އަނިޔާގެ ސަބަބުންކަން އެކަށީގެންވާ ވަރަށް ހެކި ހުށަހެޅުނު ކަމަށް ގަބޫލު ކުރާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް