ކާބޯތަކެއްޗާއި، ދިރިއުޅުމުގެ އަސާސީ ތަކެތި ފޯރުކޮށްދިނުމުގެ އިތުރުން، ދިވެހިންނާއި ރާއްޖެއަށް އަންނަ ފަތުރުވެރިން އެއްތަނުން އަނެއްތަނަށް އުފުލުމުގެ ބުރަ ޒިންމާ އަދާކުރަނީ، ދޯނިފަހަރާއި ލޯންޗްފަހަރު ދުއްވާ ކެޕްޓަނުންނާއި ފަޅުވެރިންކަމުގައިވާއިރު، މި ފަރާތްތަކުގެ ވަޒީފާގެ ޙައްޤުތަކާއި، މަސައްކަތުގެ މާޙައުލާއި ޞިއްޙަތާމެދު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އިހުމާލުވެފައިވާކަމަށް މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީން ބުނެފިއެވެ.
އެ ޕާޓިން ނެރުނު ނޫސްބަޔާނެއްގައި ވަނީ، މިގޮތުން، ގިނަ ދޯނިފަހަރާއި ލޯންޗްފަހަރުގެ ކައްޕިންނާއި ފަޅުވެރިން ގެންގުޅެނީ ވަޒީފާގެ އެއްބަސްވުމެއްނެތި، މަހުންމަހަށް މުސާރާ ނުދީ، ހުކުރެއް ބަންދެއްނެތި، 24 ގަޑިއިރުގެ ޑިއުޓީގައި ކަމަށެވެ. އަދި ކިތަންމެ ބޮޑުކަމެއް ޖެހިގެންވެސް ޗުއްޓީ ލިބޭނެ އުސޫލެއް ނޯންނައިރު، ގިނަ ފަހަރަށް އަހަރީ ޗުއްޓީއަށްވެސް ދާންޖެހެނީ ވަޒީފާއިން ކެނޑިގެންކަމުގެ ޝަކުވާ، އެޕާޓީއަށް ލިބިފައިވާކަމަށްވެސް އެ ނޫސްބަޔާނުގައި ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ޞިއްޙަތަށް ބަލާއިރު، މަދު ދޯންޏެއްގައި މެނުވީ ސާފު ބޯފެންފޮދެއް ލިބޭނެ އިންތިޒާމު ހަމަޖެހިފައި ނުހުންނައިރު، ފަޅުވެރިން ތިބީ ކައިގެންތޯ، ނިދައިގެންތޯ ބަލާނެ ފަރާތެއްނެތް ކަމަށް އެޕާޓީން ބުންޏެވެ. އަދި ކާނާ ރައްކާކުރެވޭނެ އިންތިޒާމް ނުހުންނައިރު، ގިނަ އުޅަނދުފަހަރުގައި ކައްކާއެއް ނުހުންނަކަމަށާއި، ފެންވަރައި ފާޚާނާކުރެވޭނެ ގޮތެއްވެސް ނުހުންނަކަމަށް ނޫސްބަޔާނުގައި ވެއެވެ. މީގެއިތުރުން އަތްވާ ވާރޭގައި، ދޯނީގެ ދިލަ ހޫނުގައި ނިދަންޖެހޭއިރު، ފަންކާއެއް ހިންގާލާނެ ގޮތެއް، ފޯނު ޗާޖުކުރެވޭނެގޮތެއް ނުހުންނަކަމަށާއި، މަސައްކަތުގެ މާހައުލުގައި ދިމާވާ ކަމަކުން ލިބޭ ގެއްލުމަށް ބަދަލު ނުލިބޭއިރު، ނުކުޅެދުންތެރިކަމެއް ދިމާވުން އަދި މަރުވުމުން އާއިލާއަށް ބަދަލެއް ލިބޭނެފަދަ އިންތިޒާމެއްވެސް ނެތްކަމަށް އެ ޕާޓީން ފާހަގަކުރިއެވެ.
ދިވެހި ކައްޕިން އަދި ފަޅުވެރިން ކޯސްތައް ހަދައި ސެޓްފިކެޓާއެކު މަސައްކަތަށް ނިކުންނައިރު، އޮޑިވެރިން ޚަރަދުކުޑަކުރުމަށް، އެއްވެސް ފާހެއްނެތް ބިދޭސީ މީހުން ފަޅުވެރިން އަދި ކައްޕިންގެ ގޮތުގައި ގެންގުޅޭތަން ފެންނަކަމަށާއި، މިއީ ކަނޑުދަތުރުގެ ސަލާމަތީ މިންގަނޑާ މުޅިން ޚިލާފުކަމަކަށްވާއިރު، މިއީ މިފަދަ އުޅަނދުފަހަރުގައި ދަތުރުކުރާ ދިވެހިންނާއި ފަތުރުވެރިންނަށް އިންތިހާއަށް ނުރައްކާ ބޮޑު ކަމެއް ކަމަށްވެސް އެޕާޓީން ބުނެއެވެ.
އެޕާޓީން ވަނީ،މިކަންކަމާމެދު ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ޤާނޫނު ތަކާއި ޤަވާއިދު ތަކާއި އުސޫލުތައް ހަރުދަނާކޮށް، މިކަންކަމަށް އަވަސް ޙައްލެއް ގެނައުމަށް ސަރުކާރުގެ އިދާރާތަކަށް އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް