އެންމެ ކުޑައިރުން ފެށިގެން މާލީ ކަންކަމާއި ފައިސާގެ މުއާމަލާތްތަކަށް ކުޑަ ކުޑަކުދިން ހޭލުންތެރި ކުރަންޖެހޭކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު، އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.
އެމްއެމްއޭއިން ކުރިއަށް ގެންދާ ގްލޯބަލް މަނީވީކްގެ ހަރަކާތްތައް ރަސްމީކޮށް އިފްތިތާހް ކުރުމަށް އިސްކަންދަރު ސުކޫލްގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު ވިދާޅުވީ، މާލީ އެކި ކަންކަމާއި ގުޅޭގޮތުން ކުޑަކުދިން ޅަފަތުގައި ހޭލުންތެރިކުރުވުމަކީ އެކުދިންގެ މުސްތަޤްބަލް އުޖާލާކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއްކަމަށެވެ. އެހެންކަމުން ފައިސާގެ އަހައްމިއްޔަތުކަމާއި، ލިބޭ އާމްދަނީން ދެކޮޅުޖެއްސޭނެ ގޮތްތައް ދަރިވަރުންނަށާއި ޒުވާނުނަށް ދަސްވެފައިހުރުމަކީ، ދިރިއުޅުމުގެ އެކި ކަންކަން ފަސޭހަކަމާއެކު ކުރުމަށް މަގުފަހިވެގެންދާނެކަމެއްކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
މާލީ ޚިދުމަތްތައް ހަމަހަމަކަމާއިއެކު އާންމުންނަށް ލިބެންޖެހޭނެކަމާއި، މާލީ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަކީ މަރުކަޒީ ބޭންކުގެ އަމާޒެއްކަމަށް ގަވަރުނަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
އެމްއެމްއޭއިން ކުރިއަށްގެންދާ ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް މިއަދުން ފެށިގެން ހަފްތާއެއް ވަންދެން ކުރިއަށް ގެންދާނެއެވެ. މި ހަރަކާތަކީ މާލީ އެކިއެކި ކަންކަމާ ގުޅޭ ގޮތުން ޒުވާނުންނާއި ދަރިވަރުން ހޭލުންތެރިކުރުމަށްޓަކައި ކުރިއަށް ގެންދާ ހަރަކާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް