ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަޒުކަޒެއް އައިޖީއެޗްގައި ރައީސް ހުޅުވައިދެއްވައިފި

"ސެންޓަރ ފޯ މެންޓަލް ހެލްތް" ގެ ނަމުގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަރެއް އައިޖީއެމްއެޗްގައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުވައިދެއްވައިފިއެވެ. މި މަރުކަޒަކީ، ނަ...

25 Mar 2019 | 05:31

"ސެންޓަރ ފޯ މެންޓަލް ހެލްތް" ގެ ނަމުގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަރެއް އައިޖީއެމްއެޗްގައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުވައިދެއްވައިފިއެވެ.

މި މަރުކަޒަކީ، ނަފްސާނީ ބަލި ތަޙައްމަލްކުރާ މީހުންނަށް ރައްކާތެރި އަދި އެފަދަ މީހުންނާއި އެމީހުންގެ ޢާއިލާތަކުގެ އިތުބާރު ހޯދައިގެން ފަރުވާ ފޯރުކޮށްދިނުމުގެ މަގުޞަދުގައި ހުޅުވި މަރުކަޒެކެވެ. މި މަރުކަޒުގައި އައުޓްޕޭޝަންޓް، އިންޕޭޝަންޓް ޚިދުމަތްތަކުގެ އިތުރުން މަލްޓިޑިސިޕްލިނަރީ އެޕްރޯޗެއް މެދުވެރިކޮށް މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ވެސް މަސައްކަތްކުރާނެއެވެ.

މި މަރުކަޒުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި، އޯޕީޑީގައި ބަލިމީހުން ބެލުމާއި، އެނދުމަތިކޮށްގެން ދެވޭ ފަރުވާ ދިނުން ހިމެނެއެވެ. އަދި އަވަސް ފަރުވާއަށް ބޭނުންވާ ބަލި މީހުންނަށް ފަރުވާދިނުމުގެ އިތުރުން ނަފްސާނީ ބަލިތައް ވަޒަންކުރުމާއި، ބަލި ދެނެގަތުމާއި، ބޭހުގެ އެހީގައި ފަރުވާދިނުމާއި، ސައިކޮލޮޖިކަލް ޚިދުމަތްތަކާއެކު ފަރުވާ ދިނުމާއި، ރީހެބިލިޓޭޝަން އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުން ފަދަ ތާފާތު އެކި ޚިދުމަތްތައް ހިމެނެއެވެ.

މީގެ އިތުރުން ސަރަޙައްދީ ހޮސްޕިޓަލްތަކާ ގުޅިގެން، އައުޓްރީޗް ސްޕެޝަލިސްޓް ޚިދުމަތްވެސް މި ސެންޓަރުން ފޯރުކޮށްދޭނެއެވެ. އަތޮޅު އަދި ރަށު ފެންވަރުގައި މި ސެންޓަރުގެ ޚިދުމަތް ލިބޭނެ ގޮތަށް، ކޮންމެ އަތޮޅެއްގައި މެންޓަލް ހެލްތްކެއަރ ކޯޑިނޭޓަރުން ބޭތިއްބުމަށް ވެސް ސަރުކާރުން މިހާރު ވަނީ ނިންމަވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ މިއަދު ހުޅުވިގެންދިޔަ ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒުގެ ސަބަބުން އެތައް ބަޔަކަށް އެކަމުގެ ސަބަބުން ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މި މަރުކަޒުން ދޭ ޚިދުމަތްތައް ފުޅާ ކުރުމަށް ކުރިއަށް އޮތްތަނުގައި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް