ޑިގްރީ ފެންވަރު ކޯހެއްގެ ފުރުސަތާއެކު އެޑިޓަރުން ބަދަލުކުރުން 18 މަހަށް ފަސްކޮށްފި

ނޫސް މަޖައްލާތަކުގެ އެޑިޓަރުންނަކީ ޑިގްރީ ފެންވަރުގެ ފަރާތްތަކަށް ވުން ލާޒިމު ކުރާ ގޮތަށް ނޫސްމަޖައްލާތަކުގެ ގަވާއިދަށް އިސްލާހު ގެނެސްފައިވީނަމަވެސް އެޑިޓަރުން ބަދަލު ކުރުމުގެ މުއްދަތު 18 މަސް ދުވަހަ...

25 Mar 2018 | 08:38

ނޫސް މަޖައްލާތަކުގެ އެޑިޓަރުންނަކީ ޑިގްރީ ފެންވަރުގެ ފަރާތްތަކަށް ވުން ލާޒިމު ކުރާ ގޮތަށް ނޫސްމަޖައްލާތަކުގެ ގަވާއިދަށް އިސްލާހު ގެނެސްފައިވީނަމަވެސް އެޑިޓަރުން ބަދަލު ކުރުމުގެ މުއްދަތު 18 މަސް ދުވަހަށް ފަސްކޮށްފި އެވެ.

މިކަން ހާމަކޮށްފައިވަނީ ހޯމް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި އެވެ.

ހޯމް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 47/78  "ނޫސްމަޖައްލާ ފަދަ ތަކެތީގެ ޤާނޫނު" ގެ 1 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިފައިވާ "ނޫސްމަޖައްލާ އާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ޤަވާޢިދު" އިޞްލާޙްކުރެވިފައިވާތީ މިގަވާޢިދުގެ 10 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ނޫސްމަޖައްލާތަކުގެ އެޑިޓަރުގެ ޝަރުޠެއްގެ ގޮތުގައި ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ޝާއިޢުކުރާ ނޫހެއްގައި 5 (ފަހެއް) އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެކަމުގައި ވަނީ ބަޔާންކޮށްފައި ކަމަށެވެ.

"ނޫސްމަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ޤަވާޢިދުގެ 10 ވަނަ މާއްދާގެ (ނ) ގައި ވާގޮތުން މިހާރު ޤަވާޢިދަށް ނުފެތޭ ވަރަށް ގިނަ އެޑިޓަރުން ތިއްބެވުމާއި އަދި މޯލްޑިވްސް މީޑިއާ ކައުންސިލާއި މިހާރު އެޑިޓަރުންގެ ގޮތުގައި މަސައްކަތްކުރައްވާ ގިނަބޭފުޅުންގެ އެދުމުގެ މަތިން އެބޭފުޅުންނަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި "ނޫސްމަޖައްލާ އާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ޤަވާޢިދު"  ގެޒެޓްގައި ޝާއިޢުކުރުމާއި ހަމައަށް  އެޑިޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން މިމާއްދާއަށް ޢަމަލުކުރުން 18 މަސްދުވަހަށް ވަނީ ފަސްކުރެވިފައި" ހޯމް މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.

އެ އިއުލާނުގައި ބުނެފައިވަނީ މިހާރު ތިއްބެވި އެޑިޓަރުންނަށް ޚާއްޞަކޮށްގެން ޑިގްރީ ފެންވަރުގެ ކޯހެއް އެކުލަވާލުމުގެ މަސައްކަތް ކަމާގުޅުންހުރި ދާއިރާތަކާގުޅިގެން މިނިސްޓްރީން މިދަނީ ކުރަމުން ކަމަށާއި މިކޯސްއެކުލަވާލެވުނުހާ އަވަހަކަށް މިކަމަށް އެދިވަޑައިގަންނަވާ އެޑިޓަރުންނަށް ފުރުޞަތު ހުޅުވާލެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް