ސިނަމާލެ ފްލެޓު ސަރަހައްދުގައި ހަދާފައިވާ ވެރިކަން ކުރާ ޕީޕީއެމް ރުމާލު 2 ޖަގަހައިގަ އަލިފާން ރޯކޮށްލައިފި އެވެ.
ޕީޕީއެމްއިން ބުނީ އެ ތަނުގައި ރޯކޮށްލީ ރޭ ފަތިހު 4:20 ހާއިރު ސައިކަލެއްގައި ދިޔަ ބަޔަކު ކަމަށެވެ. އޭގެ ތެރެއިން ޖަގަހައިގަ ރޯކޮށްލީ އެކަކު އެތަނުގައި އިން ސެކިއުރިޓީ ގާޑަށް ބިރުދެއްކުމަށް ފަހު ކަމަށެވެ.
ރޯކޮށްލާފައިވަނީ ޖަގަހައިގެ ސްޓޭޖަށް ޕެޓްރޯލް ޖަހައިގެން ނެވެ. ރޯކޮށްލުމުގެ ސަބަބުން ސްޓޭޖާއި ޕޯޑިއަމްގެ އިތުރުން މޭޒެއް ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފަ އެވެ.
ޕީޕީއެމްއިން ބުނީ އެންމެ ފުރަތަމަ އެމީހުން މަސައްކަތް ކުރީ އެ ޖަގަހައިގެ ފުރަތަމަ ބުރީގައި ހަދާފައިވާ ޕީޕީއެމް ސޯޝަލް މީޑިއާ އޮފީހުގައި ރޯކޮށްލުމަށެވެ. އެކަމަކު އެތަނުގައި ދަގަނޑު ގޭޓެއް ހުރުމުން ނުހުޅުވުނީ ކަމަށާއި އެމީހުން ރޯކޮށްލި ސްޓޭޖުން އަލިފާން ނިއްވާލީ ސެކިއުރިޓީ ގާޑު ފެން ޖަހައިގެން ކަމަށެވެ.
ޕީޕީއެމްއިން ވަނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި އެވެ. އެކަމަކު މިކަމާ ގުޅޭގޮތުން ފުލުހުން އަދި މީޑިއާގައި އެއްޗެއް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް