ލޮރީ އަދި ޕިކަޕްތަކުގައި މާލޭގައި ދުވާލު މުދާ އުފުލުން މަނާކޮށް ޓްރާންސްޕޯޓޫ އޮތޯރިޓީން ހެދި ގަވައިދަށް އަމަލު ކުރުން ފަސް ކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ އޮތޯރިޓީން އާންމު ކުރި އިއުލާނުގައި ވާގޮތުން އެ ގަވައިދަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށާނެ އެވެ. އެކަމަކު މި ހަފްތާއަކީ ސްކޫލް ބަންދު ހަފްތާއަކަށް ވާތީ މަގުތައް ބާރު ބޮޑު ނުވާނެތީ ވިޔަފާރިވެރިންނަށް އެ ގަވައިދަށް ތައްޔާރުވުމަށް ވަގުތު ކޮޅެއް ދޭން ނިންމީ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
އެ ގަވައިދަށް ދެން އަމަލު ކުރަން ފަށާނީ އެޕްރިލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އާންމުކޮށްފައިވާ ގަވައިދުގައި ވާގޮތުން މުދާ އުފުލޭނީ ރޭގަނޑު 1:00 އާއި ހެނދުނު 6:00 އާ ދޭތެރޭގައި އެވެ.
އެ އޮތޯރިޓީން ބުނީ މި ގަވައިދު ހަދަން ޖެހުނީ މާލޭގެ މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅުމަށް ދަތިވަމުންދާތީ އާއި،ސްކޫލްތަކަށް ކުދިން ގެންގޮސް ގެނައުމާއި އާއްމު ރައްޔިތުން މަގުތަށް ބޭނުންކުރުމުގައި ދަތިވަމުންދާތީ ކަމަށެވެ.
މީގެ ކުރިން ގޭސް ޑެލިވަރީ ކުރުމަށްވެސް އެ އޮތޯރިޓީން ގަވައިދެއް ހެދި އެވެ. މިހާރު އަމަލު ކުރަމުންދާ އެ ގަވައިދުގައި ވާގޮތުން ހެނދުނު 8:30 އިން ފެށިގެން 11:00 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 6:00 އާއި ދެމެދު ގައި ގޭސް ޑެލިވަރީ ޕިކަޕްތަކަށް މާލޭގެ މަގުތަކުގައި ދުއްވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް