ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކަށް މި ހަފްތާގައި އެންމެ ގިނައިން އަރާ ހަބަރަކީ ބަތަލާ ސޯނަމް ކަޕޫރު އޭނާގެ ދުވަސްވީ ލޯބިވެރިޔާ އަނަންދު އަހޫޖާ އާއި ކައިވެނި ކުރަން އުޅޭ ވާހަކަ އެވެ.
މިއަހަރު ތެރޭގައި އެ ކައިވެނި އޮންނާނެ ކަމާއި، އެކަމަށް ސޯނަމްގެ އާއިލާއިން ވަމުންދާ ތައްޔާރީތަކުގެ ވާހަކަ އެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ސޯނަމް އާއި އަނަންދުގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރު ޖޫން 11 އަދި 12 ވަނަ ދުވަހު ސްވިޓްޒަލޭންޑުގެ ޖެނީވާގައި އެވެ. އެ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ސޯނަމްގެ ބައްޕަ އަނިލް ކަޕޫރު އަވަދި ނެތި އުޅެމުންދާ ކަމަށާއި އަނިލް އުޅެނީ ހަފްލާގައި ބައިވެރިވުމަށް ޖެނީވާއަށް ދާނެ ގެސްޓުންގެ ލިސްޓު ތައްޔާރުކޮށް ފްލައިޓު ބުކިން ހެއްދުމުގައި ވަރަށް ބިޒީކޮށް ކަމަށެވެ.
އަދި ބުނެފައިވަނީ އެ ދުވަހަކީ ކޭންސް ފިލްމު ފެސްޓިވަލް އޮންނަ ދުވަސް ކަމަށެވެ. ސޯނަމް އަކީ ވޭތިވެ ދިޔަ ހަތް އަހަރު ލޯރިއާލްގެ ބްރޭންޑް އެމްބެސެޑަރުގެ ގޮތުގައި އެ ފެސްޓިވަލްގައި ބައިވެރިވާ ތަރި އެކެވެ. އެހެންވެ އެ ދުވަހާއި ކައިވެނި ކުރާ ދުވަސް ސޯނަމް ދިމާ ކޮށްފާނެތޯ ދަނީ މީޑިއާގައި ސުވާލު އުފައްދަމުންނެވެ.
އެހެން މީޑިއާ ރިޕޯޓެއްގައި ބުނެފައިވަނީ ސޯނަމްގެ ކައިވެނި އޮތީ އިނގިރޭސިވިލާތުގެ ލަންޑަންގައި ކަމަށެވެ. ލަންޑަންގައި ކައިވެނި ކުރަނީ ޖޫން މަހު ރިލީޒް ކުރާ ސޯނަމްގެ ފިލްމު "ވީރް ދި ވެޑިން" އަށް ފަހު ހަމަ އެމަހު ކަމަށެވެ.
ސޯނަމްގެ ކައިވެންޏާއި ގުޅޭގޮތުން އިންޑިއާ ނޫސްވެރިންނަށް ހަމަ އެއްވެސް އެއްޗެއް ޔަގީންވާ ގޮތެއް ނުވެ އެވެ. އަދި ދެ ފަރާތު އާއިލާއިންވެސް މިކަމާ ގުޅޭ ސީދާ މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ.
ސޯނަމްގެ ދިރިއުޅުމާ ބެހޭގޮތުން މީޑިއާގައި ސުވާލު ކޮށްފި ނަމަ ސޯނަމް ދެނީ އެއް ޖަވާބެ ކެވެ. އެއީ އަންހެން ތަރިންނާއި ކުރާ ސުވާލު ކަމަށްވާ ކައިވެންޏަށް ފަހު ފިލްމު ކުޅޭނަންތޯ އާއި ދަރިން ލިބުނީމަ ދާއިރާ އާއި ދުރަށްދާނީތޯ ހިންދީ ފިލްމު ތަކުގައި މަސައްކަތް ކުރާ ފިރިހެން ތަރިންނާ ކުރީމުން ސޯނަމްގެ ދިރިއުޅުމާއި ގުޅޭ ޖަވާބު ދޭނެ ކަމަށެވެ.
އަނަންދު އަހޫޖާ އަކީ ދިއްލީއަށް ނިސްބަތްވާ ވިޔަފާރިވެރި އެކެވެ. އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކެއް ވެއްޖެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް