"ހިޗްކީ" ރާނީ މުކަރުޖީގެ ހުވަފެން ހަގީގަތަކަށް ހަދައިދީފި

މިހާރު ސިނަމާތަކުގައި ދައްކަމުންދާ ބޮލީވުޑްގެ ފިލްމު "ހިޗްކީ" އަށް ލިބެމުންދާ ކާމިޔާބީ އަކީ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ރާނީ މުކަރުޖީގެ ހުވަފެން ހަގީގަތަކަށް ވުން ކަމަށް އޭނާ ބުނެފި އެވެ. ފުރަތަމަ...

25 Mar 2018 | 03:02

މިހާރު ސިނަމާތަކުގައި ދައްކަމުންދާ ބޮލީވުޑްގެ ފިލްމު "ހިޗްކީ" އަށް ލިބެމުންދާ ކާމިޔާބީ އަކީ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ރާނީ މުކަރުޖީގެ ހުވަފެން ހަގީގަތަކަށް ވުން ކަމަށް އޭނާ ބުނެފި އެވެ.

ފުރަތަމަ ދުވަހު 961 ސިނަމާއެއްގައި ފިލްމު ރިލީޒް ކުރި އިރު އެއް ދުވަހުން ފިލްމަށް 3.30 ކްރޯޑު ރުޕީސް ލިބިފަ އެވެ. ރާނީ ސިފަ ކުރާ ގޮތުގައި ފިލްމު އެންމެ މޮޅު ފިލްމަކަށް ނުވިޔަސް މިހާރު އެ ހިފެހެއްޓިފައި ހުރި ވަރަކީ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.

ބޮލީވުޑްގެ ކުރީގެ މަޝްހޫރު އަންހެން ތަރިންނަށް މީހުންނާ އިނދެ ދަރިން ލިބުމުން ފިލްމު ކުޅުމާ ދުރަށްދާން ޖެހެ އެވެ. ފިލްމު ނުލިބުމާއި ދަރިން ބަލަން ޖެހުމުން ވަގުތު ނުދެވުމުގެ މައްސަލަ ދިމާވުމުގެ ސަބަބުން ގިނަ މަޝްހޫރު ތަރިން ވަނީ އޮއްސިފަ އެވެ.

ރާނީ ބުނީ ދަރިއަކު ބަލަމުން ފިލްމު ކުޅުނަސް އާންމުން އޭނާ ބަލައިގެންފަ ވާތީ ދާއިރާއިން ކުރިއަށް ދިއުމުގެ ދޮރު ހުޅުވި ހުވަފެން ހަގީގަތަކަށްވީ ކަމަށެވެ. އަދި ރާނީއަށް މި ލިބުނު ކާމިޔާބީ އަކީ ކުރީގެ މަޝްހޫރު އަންހެން ތަރިން ގޭގައި ނުތިބެ އަލުން ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށް އޭޭނާ ބުންޏެވެ. އޭނާ ވަނީ އެފަދަ ތަރިންނަށް އަލުން ދާއިރާއާއި ގުޅުމަށް ގޮވާލާފަ އެވެ.

"ހިޗްކީ" ގައި ރާނީ ފެނިގެންދަނީ ޓީޗަރެއްގެ ގޮތުގައި އެވެ. ބޮލީވުޑް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ އެ ފިލްމަކީ މާ މޮޅު ފިލްމަކަށް ނުވި ނަމަވެސް  ފިލްމުގައި ރާނީ ދައްކައިދީފައިވާ އެކްޓު ވަރަށް މޮޅު ކަމަށެވެ.

ރާނީ އެންމެ ފަހުން ފެނިގެން ދިޔައީ 2014 ވަނަ އަހަރު ރިލީޒް ކުރި "މަރްދާނީ" އިންނެވެ. އޭނާ އަލުން ފިލްމީ ދާއިރާ އާއި ގުޅިފައި މިވަނީ ވިހައިގެން ކުއްޖާއަށް ހަތަރު އަހަރު ވީ ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް