ކޮންމެ އަހަރަކުވެސް ރޯދަ މަހާއި ދިމާކޮށް މޯލްޑިވްސް އިސްލާމިކް ބޭންކުން ކުރިއަށްގެންދާ "ރޯދަ ޕްރޮމޯޝަން" މި އަހަރުވެސް ފަށައިފި އެވެ. މިއަހަރު މި ޕްރޮމޯޝަން ކުރިއަށްގެންދަނީ ބޮޑެތި ބަދަލުތަކަކާއި އެކުގައި އެވެ.
އެގޮތުން މި ޕްރޮމޯޝަންގެ ދަށުން ދެ ލައްކަ ފަންސާސް ހާސް (250،000ރ) ރުފިޔާ އާއި ހަމައަށް ގޭތެރެއަށް ބޭނުންވ ސާމާނު ގަނެވެ އެވެ. އަންނަ މެއި މަހުގެ 17 ވަނަ ދުވަހާއިހަމައަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެ މުދާ ގަންނަ ފަރާތްތަކަށް ފައިސާ ދެއްކުމަށް ތިން އަހަރު ދުވަހުގެ މުއްދަތެއް ލިބިގެންދާނެ ކަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ހާމަކުރެ އެވެ.
އާންމުގޮތެއްގައިނަމަ މޯލްޑިވްސް އިސްލާމިކް ބޭންކްގެ "ކޮންޒިއުމާ ގުޑްސް ފައިނޭންސިން ފެސިލިޓީ" ގެ ދަށުން ގިނަވެގެން ގަނެވެނީ އެއްލައްކަ ރުފިޔާގެ މުދަލެވެ. އެ ފައިސާ ދައްކަލް ލިބެނީ 18 މަސް ދުވަހުގެ މުއްދަތެކެވެ. ނަމަވެސް ރޯދަ ޕްރޮމޯޝަންގައި ދެ ލައްކަ ފަންސާސް ހާސް ރުފިޔާއާއި ހަމައަށް މުދާގަތުމުގެ ފުރުސަތު ލިބިގެންދާއިރު ފައިސާ ދައްކަން ޖެހޭ މުއްދަތުވެސް މިވަނީ ދެގުނަ އިތުރު ވެފަ އެވެ.
މި ޕްރޮމޯޝަނާއި ބެހޭގޮތުން އިސްލާމިކް ބޭންކްގެ ސީއީއޯ އަހުމަދު ރިޒާ ވިދާޅުވީ މިޕްރޮމޯޝަނާއެކު އިސްލާމިކް ބޭންކްގެ ކަސސްޓަމަރުންނަށް ކުރިއަށް އޮތް ރޯދަމަހަށް ގޭތެރެއަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނުތައް ފަސޭހަކަމާއެކު ގަނެވޭނެ ކަމަށާއި އެ ބޭންކުން ބަލައިގަނެފައިވާ ފިހާރަ އަކުން، ގަންނަން ބޭނުންވާ އެއްޗެއްގެ ކޯޓޭޝަނާއި އެކު ރޯދަ ޕްރޮމޯޝަނުގެ އެޕްލިކޭޝަން ފޯމް އެ ބޭންކަށް ހުށަހެޅުމުން ޕްރޮމޯޝަނުގައި ބައިވެރި ވެވޭނެ ކަމަށެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުން ހާމަކުރާގޮތުގައި މި ޕްރޮމޯޝަނުގެ ދަށުން ބަދިގެ އަށް ބޭނުންވާ ސާމާނާއި، ގޭތެރެއަށް ބޭނުންވާ އިލެކްޓްރޯނިކް ސާމާނުގެ އިތުރުން މޯބައިލް ފޯނާއި، ކޮންޕިއުޓަރު އަދި ޓީވީގެ އިތުރުން ދޮންނަ މެޝެނު ފަދަ ގިނަ ސާމާނުތައް ގަނެވޭނެ އެވެ.
އެ ބޭންކުން މާލޭގެ އިތުރުން އެ ކުންފުނީގެ ބްރާންޗްތައް ހުޅުމާލެ، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫގައި ހިންގަމުން އަންނައިރު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ގާއިމް ކޮށްފައިވާ ހުރިހާ ބްރާންޗްތަކުން ވެސް ޕްރޮމޯޝަނުގައި ބައިވެރި ވެވޭނެ ކަމުގައިވެސް އެ ބޭންކުން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް