އިވުމުގެ ދަތިކަން ހުންނަ މީހުންނަށް އުރީދޫން ހާއްސަ ހިދުމަތެއް ތައާރަފްކޮށްފި

އިވުމުން މަހުރޫމްވެފައިވާ މީހުންނަށް ދިމާވާ ދަތިތައް ހައްލު ކޮށްދިނުމުގެ ގޮތުން އުރީދޫ އިން ހާއްސަ ހިދުމަތެއް ތައާރަފުކޮށްފި އެވެ. މި ހިދުމަތް އުރީދޫއިން ތައާރަފް ކުރީ ޑެފް އެސޯސިއޭޝަނާއި ގުޅިގެންނެވެ...

25 Feb 2020 | 18:37

އިވުމުން މަހުރޫމްވެފައިވާ މީހުންނަށް ދިމާވާ ދަތިތައް ހައްލު ކޮށްދިނުމުގެ ގޮތުން އުރީދޫ އިން ހާއްސަ ހިދުމަތެއް ތައާރަފުކޮށްފި އެވެ.

މި ހިދުމަތް އުރީދޫއިން ތައާރަފް ކުރީ ޑެފް އެސޯސިއޭޝަނާއި ގުޅިގެންނެވެ. މި ހިދުމަތުގެ ދަށުން އަޑު އިވުމުގައި ދަތިކަން ހުންނަ ކަސްޓަމަރުންނާއި ވާހަކަދެއްކުމުގައި ދަތިކަން ހުންނަ ކަސްޓަމަރުންނަށް 9611929 ގުޅާލުމުން ފަސޭހަ ކަމާއެކު އުރީދޫގެ ހިދުމަތް ލިބޭނެ އެވެ.

އެފަދަ ފަރާތްތަކާއި މުއާމަލާތް ކުރުމަށް ޑެފް އެސޯސިއޭޝަނާއި ގުޅިގެން އުރީދޫގެ15 މުވައްޒަފަކަށް ވަނީ އިޝާރާތުން ވާހަކަދައްކަން ދަސްކޮށްދިނުމުގެ ޓްރެއިނިންތަކެއް ހިންގާފަ އެވެ. އިވުމުން މަހުރޫމްވެފައިވާ މީހުން ކަސްޓަމާ ކެއާގެ އެ ނަމްބަރަށް ގުޅުމުން ވައިބާ ވީޑިއޯ ކޯލް މެދުވެރިކޮށް ހިދުމަތް ލިބޭނެ އެވެ.

އުރީދޫގެ ޕަބްލިކް ރިލޭޝަންސް އެސިސްޓެންޓް މެނޭޖަރު ނޫރާ ޒާހިރު ވިދާޅުވީ އެ ކުންފުނިން ހިދުމަތް ހޯދާ މީހުންގެ ތެރޭގައި އަޑު އިވުމުގައި ދަތިކަން ހުންނަ މީހުން ހިމެނޭއިރު އެފަދަ ފަރާތްތަކަށް ހިދުމަތް ނުދެވުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. އެހެންވެ މިދިޔަ އަހަރު ބޭއްވި އުރީދޫ ކަލާ ރަން އަށް ފަހު ޑެފް އެސޯސިއޭޝަނާއި ގުޅިގެން އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް އޮޅުންފިލުވާ މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަމަށެވެ.

ނޫރާ ވިދާޅުވީ އަޑުއިވުމުން މަހުރޫމްވެފައިވާ އެ ކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން އެންމެ ގިނައިން ބޭނުން ކުރަނީ ވަޓްސްއެޕާއި ވައިބާ ކަމަށެވެ. އެހެންވެ އުރީދޫގެ 'ޕޯސްޓްޕެއިޑް އެކު' ޕްލޭނަށް އިތުރު ބަދަލުތައް ގެނެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ޕެކޭޖެއް ވަނީ ތައާރަފު ކޮށްފަ އެވެ. މި ޕެކޭޖުގެ ސަބަބުން ވަޓްސްއެޕާއި ވައިބާ އިން ހިލޭ ގުޅޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް