މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއިން ފެނި ޗައިނާގައި ފެތުރި އެ ގައުމުގައި ގިނަ ބަޔަކު މަރުވެ އަދިވެސް މަރުވަމުން އަންނަ ކޮރޯނާ ވައިރަސް (ކޮވިޑް-19) މިހާރު މެދުއިރުމައްޗާއި ޔޫރަޕުގައި ފެތުރޭ ސްޕީޑާއި މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ތިބެންވާނީ ދުރާލާ މިކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިހެން ބުނެފައިވާއިރު ޗައިނާގެ އިތުރުން މި ވައިރަސް މިހާރު އެންމެ ބޮޑަށް ފެތުރެމުން އަންނަނީ ދެކުނު ކޮރެއާ، އީރާން އަދި އިޓަލީގައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވަނީ މި ވައިރަހުގެ މިހާރުގެ ލެވެލަކީ މުޅި ދުނިޔެއަށް އެންމެ ނުރައްކާތެރި ލެވެލް ނޫން ނަމަވެސް އެފަދަ ލެވެލަކަށް ހުރިހާ ގައުމަކުންވެސް ދުރާލާ ތައްޔާރުވެ ތިބެންޖެހޭ ކަމަށެވެ.
ޗައިނާއިން މި ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދު މި ފެބްރުއަރީ މަހު ކޮންމެވެސް ވަރަކަށް މަދުވަމުން އައިނަމަވެސް މިހާރު މެދުއިރުމައްޗާއި ޔޫރަޕުގެ ބައެއް ހިސާބުތަކަށް މި ވައިރަހުގެ ނުރައްކާ މިވަނީ ބޮޑުވެފައެވެ. އެގޮތުން އިޓަލީގައި މި ވައިރަހަށް މިވަނީ އެންމެ ދެތިން ދުވަހެއްގެ ތެރޭގައި 200 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައެވެ. ހަތް މީހުން މަރުވެފައެވެ.
މެދުއިރުމައްޗަށް ބަލާލާއިރު މި ވައިރަހުގައި އީރާނުން މިވަނީ 12 މީހަކު މަރުވެފައެވެ. އިރާގު، ކުވައިތު، ބަހްރައިން، އޮމާން އަދި އަފްގާނިސްތާނުން މިވަނީ މި ވައިރަސް ފެނިފައެވެ.
ދެކުނު ކޮރެއާއަށް ބަލާލާއިރު އެ ގައުމުގައި މި ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިވަނީ ޖުމްލަ 833 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ އަދަދު އުޅެނީ 200 މަތީގައެވެ.
އެހެންކަމުން ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު ޗައިނާއިން މި ވައިރަސް ކޮންޓްރޯލުވަމުން އަންނަ މަންޒަރު ފެނުނު ނަމަވެސް ދުނިޔޭގެ ބޮޑެތި ބައްރުތަކަށް މި ވައިރަސް ފެތުރެން ފަށައިފި މަންޒަރު މިވަނީ ފެންނަން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް