ރޭ ފަތިހު އައްޑޫ ސިޓީގައި ބައިސްކަލުގައި ދިޔަ ބިދޭސީއަކަށް ހަމަލާދިން މައްސަލައިގާ ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ރޭ އައްޑޫ ސިޓީގައި ހިންގި މާރާމާރީއާއި ގުޅިގެން 24 އަހަރުގެ ދެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެއް މިރޭ 07:15ގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށެވެ.
މިއަދު ހެނދުނު ފުލުހުން ބުނެފައިވަނީ ފަތިހު 04:00 ހާއިރު އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުން ބައިސްކަލުގައި ދިޔަ އިންޑިއާ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އެމީހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ތޫނު އެއްޗަކުން ހަމަލާ ދީފައިވަނީ އޭނާގެ މޫނު މައްޗަށްކަމަށާއި އެމީހާގެ ހާލު މިހާރު ސްޓޭބަލް ކަމުގައިވެސް ފުލުހުން މިއަދު ހެނދުނު ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް