ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހު ފަސް ނުކުރައްވާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ. އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ.
އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. އެކަމަކު ސުޕްރީމް ކޯޓުން މިއަދު ވަނީ ޕްރައިމަރީތަކުގައި ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ވެސް ވާދަ ކުރެވޭނެ ގޮތް ހަދައި، އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އެ ކެންޑިޑޭޓުންނަށް ފުރުސަތު ހުޅުވާލުމަށް ވަނީ އަމުރުކޮށްފަ އެވެ.
ޝަރީފް ވިދާޅުވީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިތުރު ކުރިނަމަވެސް އިންތިހާބު ބާއްވާ ދުވަހަށް ބަދަލެއް ނާންނާނެ ކަމަށެވެ. އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އެވެ.
ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުން އިންތިހާބުގައި ބައިވެރި ނުވެވޭނެ ކަމަށް ބުނާ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާ ސުޕްރީމް ކޯޓުން ވަނީ ބާތިލް ކޮށްފަ އެވެ. އަދި އެމާއްދާ ބާތިލް ކުރުމަށްފަހު، އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިމަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އިތުރު ކުރުމަށް ވެސް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް