ކުރީގެ ނައިބު ރައީސުންނަށް ރައްކާތެރިކަން ދިނުމުގެ ބިލެއް

ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް  ހުށަހަޅައި ބަހުސް ފަށައިފި އެވެ. އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއް...

25 Feb 2019 | 07:21

ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް  ހުށަހަޅައި ބަހުސް ފަށައިފި އެވެ.

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުގައި ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ގޮތުން އެފަދަ ފަރާތްތަކަށް ދޭނެ އިނާޔަތްތަކަކީ، ދައުލަތުގެ އިއްޒަތްތެރިންގެ ލަގަބު އަދި އެ ފަދަ ބޭފުޅަކާ މުހާތަބު ކުރާއިރު، "ނައިބު ރައީސް" ބޭނުން ކުރުމެވެ. މީގެ އިތުރުން ދެން އެ ބިލްގައި ހިމެނެނީ، ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅަކަށް ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމެވެ. އިތުރު ކަމެއް އެ ބިލްގައި ހިމެނިފައެއް ނެތެވެ.

މަޖިލީހުގެ ތަޅުމުގައި އެ ބިލަށް ބަހުސްކުރައްވަމުން، ކޮމަންޑޫ ދާއިރާގެ މެންބަރު، އަހްމަދު ނާޝިދު ވިދާޅުވީ ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ބިލްގައި މާލީ އެއްވެސް އިނާޔަތެއް ނެތުން އެއީ އުނިކަމެއް ކަމަށެވެ. އަދި ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކުން ވަރަށް ނިކަމެތިކޮށް އުޅޭ ކަމަށާއި އެފަދަ މަގާމެއް ފުރުއްވާފައިވާ ފަރާތެއް އެފަދަ ހާލެއްގައި އުޅުމަކީ ލަދުވެތި ކަމެއް ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ ނައިބު ރައީސްކަން ކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ބިލްގެ މަގުސަދަކީ އެފަދަ ފަރާތްތަކަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުން ކަމަށާއި ނަމަވެސް އެ ބިލްގައި މާލީ އިނާޔަތެއް ނެތުމުން އެ މަގުސަދު ހާސިލްނުވާ ކަމަށެވެ.

ބިލަށް ތާއީދު ކުރައްވައި ވިލުފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވި ގޮތުގައި މިއީ ވީހާ ވެސް އަވަހަކަށް ފާސް ކުރަން ޖެހޭ ބިލެކެވެ. އެހެންވެ، ބިލް މަޖިލިހުގެ ވަގުތީ ކޮމިޓީއަކަށް ފޮނުވައިގެން ބިލް އަލުން މަޖިލިހުގެ ތަޅުމަށް ގެނައުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ކުރީގެ ނައިބު ރައީސުންނެކޭ އެއްގޮތަށް މަޖިލިހުގެ ރައީސުންނަށް ވެސް މިހާރަށް ވުރެ ފުރިހަމަ، ހާއްސަ ގޮތްތަކެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މަޖިލިހުގެ ރައީސުންނަށް މިހާރު ލިބެނީ ހަމައެކަނި ޑިޕްލޮމެޓިކް ޕާސްޕޯޓެއް ކަމަށް ރިޔާޒް ފާހަގަކުރެއްވި އެވެ.

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ ކުރީގެ ނައިބު ރައީސުންނަށް މުސާރަ ނުވަތަ އެލަވަންސެއް ދިނުން މުހިންމު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ކުރީގެ ނައިބު ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދޭން ޖެހެނީ އެބޭފުޅުންނަށް ދެރަ ގޮތްތަކެއް ވަމުންދާތީ އެވެ.

އެކަމަކު ބައެއް މެމްބަރުން ވަނީ މަޖިލިހުން މިފަދަ ބިލެއް ފާސް ކުރުމުގެ ކުރިން، ދައުލަތުގެ ބަޖެޓުން އެފަދަ ކަމެއް ކުރުމުގެ ފުރުސަތު އޮތްތޯ ބެލުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް އިނާޔަތް ނުދިނުމަށް ބައެއް މެމްބަރުން ގޮވާލެއްވި އެވެ.

އެ ބިލްގެ ބަހުސް މަރުހަލާ ނިންމާލިއިރު، އެ ބިލް ދިރާސާކުރުން ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް ހުށަހަޅާ ވަނީ ތާއީދު ލިބިފަ އެވެ. އެކަމަށް މިއަދު މެންދުރު 1:30 ގައި ވޯޓަށް އަހާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް