އަންނަ އޭޕްރީމް މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތައް ބޭނުންވާ އަދަދަށް ނުލިބުމުން އިންތިހާބީ އޮފިޝަލުކަމަށް ކުރިމަތި ލުމުގެ މުއްދަތު އޭޕްރީލް މަހުގެ އެއް ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފިއެވެ.
އިލެކްޝަނުން އިއްޔެ ގެޒެޓުގައި ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މި މަހުގެ ފަސްވަނަ ދުވަހު އެ ކޮމިޝަނުން އޮފިޝަލުން ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް އޮފިޝަލުންގެ އެޕްލިކޭޝަން ފޯމު ލިބިފައިނުވާތީ، އިތުރު އޮފިޝަލުން ހޯދުމަށް އިޢުލާން ކަމަށެވެ. ނަމަވެސް ކުރިން ކޮށްފައިވާ އިޢުލާނާއި ގުޅިގެން އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވާން ބޭނުންވެ އެ ކޮމިޝަނަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތައް ބަލައިގަނެފައިވާ ކަމަށްވެސް އީސީގެ އިޢުލާނުގައި ވަނީ ބުނެފައެވެ.
އީސީގެ އިޢުލާނުގައި ބުނެފައިވަނީ އެމީހަކީ މަޖިލިސް އިންތިހާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށްވެސް ވެގެން ނުވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ ތައުލީމާއި ތަޖުރިބާ އެމީހެއްގެ ގައިގައި ހުންނަން ޖެހޭނެ ކަމަށް އޮފިޝަލުން ހޯދުމަށް ކޮށްފައިވާ އިޢުލާނުގައި ބުނެފައިވާއިރު އެފަދަ މަސައްކަތަކަށް ސިއްހީ ގޮތުން ޤާބިލް އަދި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ވެގެންނުވާނެ ކަމަށެވެ.
މަޖިލިސް އިންތިހާބަށް 4000 އޮފިޝަލުން ބޭނުންވާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. ނަމަވެސް އޮފިޝަލަކަށް ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު އޮފިޝަލަކަށް ވުމަށް އެދި ހުށަހަޅާފައިވަނީ 2000 ފަރާތްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް 403 ފޯން ހުށަހެޅި ނަމަވެސް އީސީން ބަލައިގެންފައިވަނީ 395 މީހެއްގެ ފޯމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް