ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވެ ނަމަވެސް ޕްރައިމަރީ އިން ބަލިވުމުގެ ސަބަބުން އިންތިޚާބަށް ކުރިމަތިނުލެވުނު ފަރާތްތަކަށް މިއަންނަ މަހުގެ 04 ވަނަ ދުވަހާއި ހަމައަށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ސުޕްރީމް ކޯޓުން ތަނަވަސް ކޮށްދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޓިކެޓު ދިނުމަށް ސިޔާސީ ޕާޓީ ތަކުން ބޭއްވި އިންތިޚާބު ތަކުން ބަލިވި މީހުން، މަޖިލިސް އިންތިޚާބުގައި ވާދަކުރާން ބޭނުންވެގެން އަންނަ މާޗު މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރީން ފޯމު ހުށަހަޅައިފި ނަމަ އެ ފޯމު ބަލައިގަތުމަށް ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް މިއަދު ވަނީ އަމުރު ކޮށްފައެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕްރައިމަރީގައި، ނާކާމިޔާބުވި މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރެވެ. ޖާބިރާއެކު އެ މައްސަލަ ހުށަހެޅުމުގައި ގާނޫނީ ވަކީލް އަބްދުލްމާނިއު ހުސެއިން ވެސް ބައިވެރިވި އެވެ. އެ ދެ ބޭފުޅުންގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ، ގުލްހަޒާރުގޭ، އަހުމަދު މުހައްމަދު ވެސް ހަމަ އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމްގައި ބުނީ، ޕްރައިމަރީއެއްގައި ވާދަކޮށް ބަލިވާ މީހުންނަށް އެއްވެސް ހައިސިއްޔަތަކުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮތުމަކީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ އިންތިހާބުތަކުގައި ވާދަ ކުރުމުގެ އަސާސީ ހައްގުން މަހުރޫމްވާ ކަމެއް ކަމަށެވެ. އެކަމަކީ ގާނޫނު އަސާސީގެ ސިފައެއް ނޫން ކަމަށެވެ.
ޕްރައިމަރީއިން ބަލިވާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭ އުސޫލަކީ އެމެރިކާއިން އަމަލު ކުރަމުން އަންނަ އުސޫލެއްކަން ބަންޑާރަ ނައިބުގެ ފަރާތުން ޝަރީއަތުގައި ފާހަގަ ކުރެއްވި އެވެ. ގާނޫނު އަސާސީގެ ހައްގެއް ހަނިކުރަން ޖެހިއްޖެ ހާލަތެއްގައި މިނިވަން ދިމިގްރާތީ މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުތަކަށް ވެސް ބަލަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް