މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު ވެސް ލަނޑެއް ނުޖެހި އެއްވަރުވުމުން، ޕެނަލްޓީ ޝޫޓްއައުޓް އިން 4-3 އިން ޗެލްސީގެ މައްޗަށް ކުރި ހޯދާ މެންޗެސްޓާ ސިޓީއިން އީއެފްއެލް ކަޕްގެ ތަށި ދިފާއު ކޮށްފިއެވެ. އެ ޓީމުން ވަނީ ފާއިތުވި ސީޒަންގައި ވެސް އީއެފްއެލް ކަޕްގެ ތަށި އުފުލާލާފައެވެ.
މީގެ ދެ ހަފުތާ ކުރިން ސިޓީ އަތުން 6-0 އިން ބަލިވި ޗެލްސީގެ ގޭމް ޕްލޭންއަށް އެ ޓީމުގެ ކޯޗު ސާރީ ބަދަލުތަކެއް ގެނެސް ރޭގެ މެޗުގައި ހަޒާޑް ފޯލްސް ނައިން ޕޮޒިޝަނަށް ކުޅުވުން ޗެލްސީ ފެނުނީ ކުރިން މެޗަށްވުރެ ހަރުދަނާކޮށެވެ. އެހެނަސް، ޕެނަލްޓީން ނާކާމިޔާބުވެ ސާރީއަށް ޗެލްސީއާއެކު ފުރަތަމަ އުފުލާލަން ލިބުނު ތަށި ބީވުމުންނާއި، ފަހަކަށް އަހިސް ޗެލްސީ ހޯދަމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ކޯޗު ސާރީ މަގާމުން ވަކިކުރާާނެ ކަމަށް ވަނީ ވަރަށް ބޮޑަށް ބެލެވެން ފަށާފައެވެ.
ޝައުޤުވެރި ގިނަ ކަންތައްތަކެއް ފެނިގެންދިޔަ ރޭގެ ފައިނަލް މެޗު ފެށިގެން ދިޔައީ ވެސް ސުވާލު އުފެދޭފަދަ ކަންތައްތަކަކުންނެވެ. މެޗު ކިކްއޯފް ކުރުމާއެކުހެން ޗެލްސީގެ ޖޯޖީނިއޯ ސިޓީގެ ފޯވާޑް އަގުއޭރޯއަށް އުޅަނބޮށިން ހަމަލާދިންކަމަށް ފެނުނު ނަމަވެސް، ރެފުރީ އެކަމާ އަޅައެއް ނުލިއެވެ. އަނެއްކޮޅުން ސިޓީގެ އޭރިޔާގެ ތެރެއަށް ވަދެގަންނަން ދިޔަ ޗެލްސީގެ މިޑްފީލްޑަރ އެންގޯލޯ ކަންޓޭއަށް ޒިންޗެންކޯ ހުރަސްއެޅި ނަމަވެސް ރެފުރީ އެ ވެސް ފައުލް އަކަށް ނުދެއްކިއެވެ.
މެޗު ފެށިގެން ގިނައިރުތަކެއް ނުވެ ސިޓީން މެޗުގެ ކޮންޓްރޯލް ނެގިއިރު، ސިޓީގެ ފުރަތަމަ ހަމަލާގައި އަގުއޭރޯ ފޮނުވާލި ބާރު ބޯޅައެއް ޗެލްސީގެ ގޯލްކީޕަރ ކެޕާ ދިފާއުކުރިއިރު، އަގުއޭރޯ ފަހުން ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލު ހުރަސް ދަނޑި މަތިންނެވެ.
ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބު ނުކުރެވުނުއިރު، ދެ ވަނަ ހާފު ފެށިގެން މެޗުގެ 56 ވަނަ މިނިޓުގައި ސިޓީއަށް ލީޑު ނެގުނު ކަމަށް ބެލެވުނެވެ. އެހެނަސް ލަނޑު ޖެހި އަގުއޭރޯ އޮފްސައިޑް ކަމަށް ލައިންސްމަން އިޝާރަތް ކުރިއިރު، ވީއޭއާރް ރިވިޔުއަށް ފަހު ވެސް ނިންމާފައިވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
ސިޓީގެ ނުރައްކަލުން ސަލާމަތްވުމަށްފަހު ޗެލްސީން ގޯލު ހުޅުވާލުމާ ގާތަށް ދިޔައެވެ. އެހެނަސް، ހަޒާޑް ހުނަރުވެރިކަމާއި ބާރު ދުވެއްޔާއެކު ކޮމްޕެނީ ކައިރިން ނައްޓާލައި، ކަންޓޭއަށް ޖައްސާލި ބޯޅަ އޭނާ ފޮނުވާލުމުން ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ.
މެޗުގެ އިތުރު ވަގުތުގެ ދެ ހާފުގައި ސިޓީން ރަނގަޅަށް ކުޅުނު ނަމަވެސް އެ ޓީމުގެ އަގުއޭރޯ އާއި ރަހީމް ސްޓާލިން ފޮނުވާލި ހަމަލާތައް ވެސް ޗެލްސީގެ ގޯލްކީޕަރ ކެޕާ ވަނީ ދިފާއު ކޮށްފައެވެ.
އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ކުރިއަށް ދިޔައިރު، ދެ ފަހަރެއްގެ މަތީން ޗެލްސީގެ ގޯލްކީޕަރ ކެޕާއަށް ވަނީ ފަރުވާދޭން ޖެހިފައެވެ. އެހެނަސް އަނިޔާގައި ހުރެ ކުޅެމުން ވެސް، ކެޕާ ވަނީ ސަބަޔެރޯއަށް ފުރުސަތުދީ ދަނޑުން ފައިބަން ދެކޮޅު ހަދާފައެވެ. އެ ބަދަލު ކީޕަރަކީ 2016 ވަނަ އަހަރުގެ ފައިނަލްގައި ސިޓީއަށް 3 ޕެނަލްޓީ ސަލާމަތްކޮށްދިން ކީޕަރަކަށް ވެފައި، ކެޕާ އަނިޔާގައި ހުރެވެސް ބަދަލުކުރަން ދެކޮޅު ހެދުމުން ޗެލްސީގެ ކޯޗު ސާރީ ހުރީ ވަރަށް ބޮޑަށް ރުޅި ގަދަވެފައެވެ.
ޕެނަލްޓީ ޝޫޓްއައުޓް ގައި ޗެލްސީގެ ޖޯޖީނިއޯ ފޮނުވާލި ޕެނަލްޓީ އެޑާސަން ދިފާއުކޮށް ސިޓީއަށް އުފާވެރި ފެށުމެއް ގެނެސްދިނެވެ. އެއާއެކު ސިޓީގެ ގުންޑޮގާން އަދި އަގުއޭރޯ ފޮނުވާލި ޕެނަލްޓީ ވެސް ކާމިޔާބުވިއިރު، ޗެލްސީގެ އެޒިޕުލިކުއޭޓާ އާއި އެމާސަން ވެސް ޕެނަލްޓީ ކާމިޔާބު ކުރިއެވެ.
ސިޓީ އެޑްވާންޑޭޖްގައި އޮވެގެން ކުރިއަށް ދަނިކޮށް، ސިޓީގެ ލޯރީ ސާނޭ ފޮނުވާލި ޕެނަލްޓީ ކެޕާ ވަނީ މަތަކޮށްފައެވެ. އަނެއްކޮޅުން ޗެލްސީގެ ޑޭވިޑް ސުއިޒް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލު ދަނޑިއަށެވެ. އެއަށްފަހު ސިޓީގެ ބާނާޑޯ ސިލްވާ އާއި ޗެލްސީގެ ހަޒާޑް ޕެނަލްޓީތައް ކާމިޔާބު ކުރިއެވެ. އެހެނަސް ރަހީމް ސްޓާލިންގ ފޮނުވާލި ފަހު ޕެނަލްޓީއާއެކު ސިޓީން ވަނީ މެޗު ކާމިޔާބުކޮށް އީއެފްއެލް ކަޕް އަނެއްކާ ވެސް ކާމިޔާބު ކޮށްފައެވެ.
ސިޓީގެ މި ކާމިޔާބީއާއެކު އެ ޓީމުން ވަނީ އެއް ސީޒަނެއްގައި ހަތަރު ތަށި ހޯދުމުގެ އަމާޒަށް ވާސިލްވުމުގެ ދަތުރު ފަށާފައެވެ. އީއެފްއެލް ކަޕް ކާމިޔާބުވިއިރު، އެ ޓީމު އޮތީ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ބުރުގެ ފުރަތަމަ ލެގުގައި ޝަލްކޭގެ މައްޗަށް ވަނީ ކުރި ހޯދާފައެވެ. ޕްރިމިއާ ލީގުގައި މިހާރު 1 ވަނައިގައި އޮތް ލިވަޕޫލްއާ ސިޓީއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް