މި ސީޒަންގައި ހުރިހާ މުބާރާތަކުން 100 ލަނޑު ހަމަކުރި ސްޕެއިންގެ ފުރަތަމަ ކްލަބުގެ ޝަރަފު ރެއާލް މެޑްރިޑަށް!

ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޑީޕޯޓިވޯ އަލަވޭސް 4-0 ގެ ނަތީޖާއިން ބަލިކޮށް، މި ސީޒަންގައި ހުރިހާ މުބާރާތަކުން 100 ލަނޑު ހަމަކުރި ސްޕެއިންގެ ފުރަތަމަ ކްލަބްގެ ޝަރަފު ރެއާލް މެޑް...

25 Feb 2018 | 07:48

ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޑީޕޯޓިވޯ އަލަވޭސް 4-0 ގެ ނަތީޖާއިން ބަލިކޮށް، މި ސީޒަންގައި ހުރިހާ މުބާރާތަކުން 100 ލަނޑު ހަމަކުރި ސްޕެއިންގެ ފުރަތަމަ ކްލަބްގެ ޝަރަފު ރެއާލް މެޑްރިޑް ހޯދައިފިއެވެ.

ދަށް ނަތީޖާ ތަކެއްގެ ސަބަބުން ނާކާމިޔާބު ސީޒަނަކާ ދިމާއަށް މިސްރާބު ހުރި ރެއާލް މެޑްރިޑް މި ފަހުން ވަނީ ކުޅުމާއި ނަތީޖާތައް ވެސް ވަރަށް ބޮޑަށް ރަނގަޅު ކޮށްފައެވެ. އެ ޓީމު އެންމެ ފަހުން ސްޕެނިޝް ލީގުގައި ކުޅުނު 4 މެޗުން ވެސް ވަނީ މޮޅުވެފައެވެ. އަދި ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ހޯދި މޮޅާއެކު، ހުރިހާ މުބާރާތަކުން ޖެހިޖެހިގެން 5 މޮޅު ހޯދާފައިވާއިރު، މިއީ މި ސީޒަންގައި ރެއާލް މެޑްރިޑަށް ހުރިހާ މުބާރާތަކުން ޖެހިޖެހިގެން 5 މެޗުން މޮޅުވެވުނު ފުރަތަމަ ފަހަރެވެ.

ރެއާލް މެޑްރިޑުން ނަތީޖާ ރަނގަޅުކޮށް ލީގުގެ 2 ވަނަ ހޯދުމާއި، ޗެމްޕިއަންސް ލީގު ކާމިޔާބު ކަމާއެކު ނިންމާލުމުގެ އަޒުމުގައި އޮތްއިރު، ރޭގެ މެޗުގައި އެ ޓީމުގެ ކުރިއަށް ކުޅޭ މަޝްހޫރު ބީބީސީ (ބެންޒެމާ، ބޭލް، ސީ.ރޮނާލްޑޯ) ގައި ހިމެނޭ ހުރިހާ ކުޅުންތެރިން ވަނީ ލަނޑު ޖަހާފައެވެ. މިއީ މި ސީޒަންގައި މި ތިން ކުޅުންތެރިން އެއް މެޗެއްގައި ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗު ފަށައިގެން ރެއާލް މެޑްރިޑުން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެމުން ދިޔައިރު، ކައުންޓާ އެޓޭކް ތަކުގައި އަލަވޭސް އިން ވެސް ރެއާލްގެ ގޯލަށް ނުރައްކާ ކުރިއެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުގައި ރެއާލްއަށް ފުރަތަމަ ލަނޑު ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އޭރިއާ ތެރެއިން ބެންޒެމާ ދިން ހިތްގައިމު ޕާހަކުން ރޮނާލްޑޯ ޖެހި ލަނޑެކެވެ. މި ލަނޑަށް ފަހު ސަޕޯޓަރުންނާ ކުރިމަތިލާ ރޮނާލްޑޮ ވަނީ ބެންޒެމާއަށް ތަރުހީބު ދިނުމަށް އިޝާރާތް ކޮށްފައެވެ.

ދެ ވަނަ ހާފު ފެށިގޮތަށް ރެއާލްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ގިނަ މެޗުތަކެއްގައި ބެންޗުން ފެށުމަށްފަހު ރޭގެ މެޗުގެ ފުރަތަމަ 11 ގައި ކުޅެން ނުކުތް ގެރެތު ބޭލްއެވެ. މިއީ ވެސް ބެންޒެމާގެ އެސިސްޓަކުން ޖެހި ލަނޑެކެވެ.

މެޗުގެ 61 ވަނަ މިނިޓުގައި ވަޒްކުއޭޒް ދިން ޕާހަކުން ލަނޑު ޖަހައި ރޮނާލްޑޯ ރެއާލް މެޑްރިޑްގެ ލީޑު 3 ލަނޑަށް ފުޅާކުރިއިރު، މިއީ މި ސީޒަންގައި ހުރިހާ މުބާރާތަކުން ރޮނާލްޑޮ ކާމިޔާބުކުރި 28 ވަނަ ލަނޑެވެ.

މެޗުގެ ފަހުކޮޅު ގެރެތު ބޭލްއަށް އަލަވޭސްގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ޕެނަލްޓީއެއް ލިބުނުއިރު، ރެއާލް އިން އާންމުކޮށް ޕެނަލްޓީ ޖަހާ ރޮނާލްޑޯ ވަނީ ހެޓްރިކް ހަދަން ލިބުނު ފުރުސަތު ދޫކޮށްލާ، ބެންޒެމާއަށް ޕެނަލްޓީ ޖަހަން ފުރުސަތު ދީފައެވެ. އަދި ބެންޒެމާ ލަނޑު ޖެހުމުން ރޮނާލްޑޯ ވަނީ އަނެއްކާ ވެސް ސަޕޯޓަރުންނަށް އިޝާރާތްކޮށް ބެންޒެމާއަށް ތަރުހީބު ދިނުމަށް އަންގާފައެވެ. ފޯމު ކަޓާފައިވާ ބެންޒެމާއަށް ހިތްވަރުދިނުމަށް މި ފަހަކަށް އަހިސް ރޮނާލްޑޯގެ ފަރާތުން އަންނަނީ ޓީމު ރޫހާ އެއްގޮތް ގިނަ ކަންތައްތަކެއް ފެންނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް