އީސީ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން މިއަދު ހުޅުއްވާލައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަނ...

25 Feb 2018 | 07:29

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން މިއަދު ހުޅުއްވާލައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު، އަލުން ހުޅުއްވާލެއްވީ 31 ޖަނަވަރީ 2018 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރެއްވި 4/2018/1/PPA-1 ނަންބަރުގެ އިޢުލާނުން އެފުރުސަތު ހުޅުވައިލާފައި ވީނަމަވެސް، އެއިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް އެ މަޤާމަށް ބޭފުޅުން ކުރިމަތިލައްވާފައިނުވާތީ ކަމަށެވެ.

ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާ ތާރީޚަކީ، 1 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 އެވެ.

އިލެކްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް، www.presidencymaldives.gov.mv އިން ޑައުންލޯޑް ކުރެވޭނެ ކަމުގައިވެސް ރައީސް އޮފީހުން ހާމަކުރައްވަ އެވެ.

އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތި ލުމަށް ހުޅުވާލާފައި މިވަނީ އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ސުލައިމާނު މި އަހަރުގެ ޖަނަވަރީ 31 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް