ޖަރުމަނު ބުންޑަސްލީގާ ގައި ޖެހިޖެހިގެން ހޯދި 14 މޮޅަށްފަހު ލީގު ލީޑަރ ބަޔާން މިޔުނިކް ރޭ ކުޅުނު މެޗުން އެއްވަރު ވެއްޖެއެވެ.
ހާތާ ބާލިން އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ ލަނޑެއް ނުޖެހި ބަޔާން މިޔުނިކް އެއްވަރުވިއިރު، އެ ޓީމުގެ ފޯވާޑް ރޮބާޑް ލެވަންޑޯސްކީއަށް ބަޔާން ދަނޑުގައި ލަނޑެއް ނުޖެހި ޖެހިޖެހިގެން 12 މެޗު މިވަނީ ހަމަވެފައެވެ.
ރޭގެ މެޗާ ކުރިމަތިލިއިރު ބަޔާން މިޔުނިކުން ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ބެސިކްޓަސް ކޮޅަށް 5 ލަނޑު ޖަހާފައެވެ. އެހެންނަމަވެސް އެފަދައިން ލަނޑުގެ އީދެއް އަނެއްކާ ވެސް ގެނައުމަށް އެ ޓީމު ނުކުޅެދުނުއިރު، މިއީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ޕީއެސްޖީ އަތުން 3-0 އިން ބަލިވެ، އޭރުގެ ކޯޗު އެންޗޮލޮޓީ މަގާމުން ވަކިކުރި ފަހުން ބަޔާން މިޔުނިކް މެޗަކުން ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަމަ ފަހަރެވެ.
ބަޔާން މިޔުނިކުން ރޭގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނު ނަމަވެސް އެ ޓީމުން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ހާތާގެ ގޯލްކީޕަރ ރޫނޭ ޖާސްޓެއިން އެވެ. އަނެއްކޮޅުން ބަޔާން މިޔުނިކް ހުއްޓުވުމުގައި ހާތާގެ ޑިފެންސް ލައިން ވެސް ރޭގައި ފެނުނީ ވަރަށް އޮގަނައިޒް ކޮށެވެ.
ރޭގެ މެޗުން އެއްވަރުވި ނަމަވެސް ބަޔާން މިޔުނިކް ތާވަލުގެ އެއް ވަނައިގައި އަދިވެސް އޮތީ 20 ޕޮއިންޓްގެ ބޮޑު ލީޑަކާއެކުގައެވެ. 2 ވަނައިގައި އޮތް ބްރޫޝިއާ ޑޯޓްމަންޑް މިރޭ ކުޅޭ މެޗުން އެ ޓީމު މޮޅުވިޔަސް ބަޔާންއާ އަރާ ހަމަކުރަން 17 ޕޮއިންޓް ބޭނުންވާނެއެވެ. ލީގުގެ ބޮޑުބައި ކުޅެވިފައިވާއިރު މިއީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް