ހަންގާ ސްޓްރައިކްގެ ރެކޯޑާއެކު އުމަރު ނަސީރު ވި ގުރުބާނީއެއްގެ ވާހަކަ !

މައުލޫމާތު ކުށް ނޫންނަމަ ޖަލެއްގައި ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރުމުގެ ރެކޯޑް އޮންނާނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަތުގައި ކަމުގައި އޭނާ ވިދާޅުވެއްޖެ އެވެ. އުމަރު  މިހެން ވިދާޅުވެފައި...

25 Feb 2018 | 02:11

މައުލޫމާތު ކުށް ނޫންނަމަ ޖަލެއްގައި ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރުމުގެ ރެކޯޑް އޮންނާނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަތުގައި ކަމުގައި އޭނާ ވިދާޅުވެއްޖެ އެވެ.

އުމަރު  މިހެން ވިދާޅުވެފައިވަނީ އޭނާގެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި އެވެ.

އެ ޕޯސްތްގައި އުމަރު ވިދާޅުވެފައިވަނީ މީގެ 22 އަހަރު ކުރިން މިއަދަކީ "އަޅުގަނޑުގެ ހަޔާތުގައި" ފާހަގަ ކޮށްލެވޭ ދުވަހެއް ކަމަށެވެ.

އުމަރުގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ  ސިފައިންގެ (އެންއެސްއެސް) ހިދުމަތުން ވަކިވެ ފަޔަރ ސޭފްޓީ އެންޑް ސެކިއުރިޓީ ގެ ހިދުމަތް ދޭ ޕްރައިވެޓް ކުންފުންޏެއް ހިންގަން ފެށުމާ ގުޅިގެން އެ ހިދުމަތަކީ އަމިއްލަ ފަރާތްތަކަށް ނުދެވޭނެ ހިދުމަތެއްކަން އަންގާ އެތަން ބަންދުކޮށް އަދި އެކަމާ ގުޅިގެން އަޅުގަނޑު ޖަލުގަ ހައްޔަރު ކުރުމުން ގާމާދޫ ޖަލުގަ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށާ ނުކައި އޮންނަތާ ނުވަ ދުވަސް ވުމުން، ފުރާނައަށް ގެއްލުންވެދާނެ ކަމަށް ޑޮކްޓަރުން ލަފާ ދެއްވުމާ ގުޅިގެން ޖަލުން ގޭ ބަންދަށް ބަދަލު ކުރި ކަމަށެވެ.

"މައުލޫމާތު ކުށް ކަމުގަ ނުވާނަމަ މިއީ، ޖަލެއްގަ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް އެންމެ ދިގުކޮށށް ކުރުމުގެ ރާއްޖޭގެ ރެކޯޑް އެވެ. މި ހަންގަރ ސްޓްރައިކް ގެ ނުވަ ދުވަސް ތެރޭ ހަތް ކިލޯ ލުއިވެ ތިން ފަހަރަށް ހޮސްޕިޓަލްގަ އެޑްމިޓް ކުރެވުނެވެ" އުމަރުގެ ޕޯސްޓްގައި ވިދާޅުވެފައި ވެ އެވެ.

އުމަރު އެ ޕޯސްޓް ކުރައްވާފައިވަނީ ކުރީގެ ފޮޓޯއަކާއި އެކުގައި އެވެ. އުމަރު ވިދާޅުވެފައިވަނީ އެ ފޮޓޯއަކީ ގޭ ބަންދަށް ބަދަލު ކުރުމުން ނަގާފައިވާ ފޮޓޯއެއް ކަމަށެވެ.

އުމަރު އިތުރަށް ވިދާޅުވެފައިވަނީ ޖުމްލަ 45 ދުވަސް ފަހުން ގޭ ބަންދުން ދޫކޮށްލައި، ފަޔަރ ސޭފްޓީ އަދި ސެކިއުރިޓީގެ ހިދުމަތް އަމިއްލަ ފަރާތްތަކުން ދިނުމުގެ ހުއްދަ ސަރުކާރުން ހުޅުވާލެއްވި ކަމަށެވެ.

"ފުރަތަމަ ލައިސަންސް އަޅުގަނޑުގެ ކުންފުނި ALARMS PTE LTD. އަށް ރަސްމީކޮށް ދެއްވި އެވެ." އުމަރު ވިދާޅުވެފައި ވެ އެވެ.

އުމަރު އިތުރަށް ވިދާޅުވެފައިވަނީ މިއަދު މި ހިދުމަތަކީ ރާއްޖޭގައި އަމިއްލަ އެތަކެއް ކުންފުނިން ދެމުން ގެންދާ ފުޅާ ހިދުމަތެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް