ފުވައްމުލަކު ސިޓީގައި ރިސޯޓެއް ހައްދައިދެއްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ފުވައްމުލަކަށް މިއަދު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަ ފުޅުގައެވެ.
އެގޮތުން ފުވައްމުލަކު ރައްޔިތުންނާއެކު ބޭއްވި ކެމްޕޭނު ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމެއްގައި ފުވައްމުލަކުގެ ފަތުރުވެރިކަމަށް އިތުރު ކޮންސެޕްޓެއް ހޯދައި އެގޮތަށް މާކެޓް ކޮށްދޭނެ ކަމަށެވެ.
އަދި ނަޝީދު ވެރިކަމާ ހަވާލުވިއިރުވެސް ފުވައްމުލަކު އެއާޕޯޓު މޫދާވީ ސަރަހައްދު ވަކި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައިގެން ފަތުރުވެރިކަމަށް ތަރައްޤީ ކުރުމަށް 2007 ވަނަ އަހަރު ނިންމާފައިވާ ގޮތަށް ފަތުރުވެރިކަން ފެށިފައިނުވާ ކަން ފާހަގަކުރައްވާ 2018 ވަނަ އަހަރުގެ އެމްޑީޕީގެ މެނިފެސްޓޯގައި އެކަން ހިމަނާފައިވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
ނަމަވެސް ފަސް އަހަރު ފާއިތުވެ މިދަނީ އެކަން ނުކުރެވި ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ. މިގޮތުން އެ މަނިކުފާނުގެ ވެރިކަމެއްގައި އެ ސަރަހައްދު ފަތުރުވެރިކަމަށް ތަރައްޤީ ކުރާނެ ކަމުގެ ޔަޤީން ކަން ނަޝީދު ވަނީ ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް އަރުވާފައެވެ.
މީގެ އިތުރުން ނަޝީދު ވަނީ ފުވައްމުލަކު ރައްޔިތުންނަށް ފުދުންތެރިކަމާއި ތަނަވަސްކަން ހޯދައި ދިނުމުގެ ބޭނުމުގައި އެ ރަށުގައި ގޭދޮށު މަސް ފެކްޓަރީ ހަދަން ނިންމާފައިވާ ކަމަށާއި ނަމަވެސް ސަރުކާރުން އެ ސިޔާސަތު ތަންފީޒުނުކޮށް، ތަންފީޒު ކޮށްފައިވަނީ ކޯލިޝަންގެ ސިޔާސަތު ކަމަށް ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް