ހުޅުމާލޭގައި ނާސިން ހޯމަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާނެ ޑިސްއެބިލިޓީ ސެންޓަރެއް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފި އެވެ.
އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ނާސިން ހޯމާއި ޑިސްއެބިލިޓީ ސެންޓަރު އަޅަން އެޗްޑީސީން އިސްކަން ދެނީ ލޭންޑް ބޭސް މޮޑެލް އަކަށް ކަމަށެވެ.
ނަމަވެސް ހުށަހަޅާ އީއައިއޯ ތަކުގައި ތަފާތު ވައްތަރުގެ މޮޑެލްތައް ހުށަހެޅޭނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އަދި އެ ހުށަހެޅުމުގައި ދެފަރާތަށްވެސް ލިބޭނެ ފައިދާތައް ބަޔާން ކުރަންޖެހޭނެ ކަމަށް އެޗްޑީސީން ހާމަކޮށްފައި ވެއެވެ.
އެޗްޑީސީން ބުނީ މި މަސައްކަތަށް ޝައުގުވެރިކަން ފާޅު ކޮށް ގިނަ ހުށަހެޅުންތަކެއް ލިބިއްޖެ ނަމަ އެ ކޯޕަރޭޝަނުގެ މާސްޓާ ޕްލޭނާއި ތަސައްވުރާއި އެންމެ ގާތްކުރާ އީއޯއައި ހިޔާރުކޮށް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
މިގޮތުން މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށެވެ.
އަދި އީއޯއައި ހުށަހަޅަން ޖެހެނީ އެޗްޑީސީގެ މެއިލްއަށް ނުވަތަ ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ މައި އޮފީހަށް ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ ހުށަހެޅިގެންދާ ހުށަހެޅުންތައް ބާތިލް ކުރުމުގެ ހައްގާއި އީއޯއައި ޕްރޮސެސް އަހަރީ ކުރުމުގެ އިތުރުން ހުށަހެޅިގެންދާ ހުރިހާ ހުށަހެޅުމެއް އެގްރިމެންޓްގައި ސޮއި ކުރުމުގެ ކުރިން ބާތިލް ކުރުމުގެ ހައްގު އެޗްޑީސީއަށް ލިބިގެންވާ ކަމަށެވެ.
ހަމައެހެންމެ، މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އީއޯއައި ހުށަހެޅި ފަރާތަށް އެކަން އަންގައި ހުށަހެޅުން އަނބުރާ އެފަރާތަކަށް ރައްދުކުރާނެ ކަމަށް އެޗްޑީސީން ހާމަކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް