ސްޕެއިންގެ ބާސެލޯނާ އަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށް ބްރެޒިލްގެ ފުޓްބޯތަރި ޑެނި އަލްވޭސް ޖަލައްލައިފިއެވެ.
މިކަމާއި ގުޅިގެން ސްޕެއިންގެ ކެޓަލޯނިއާގެ ހައިކޯޓް އޮފް ޖަސްޓިސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްޕެއިންގެ އުމުރުން 23 އަހަރުގެ ހަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ޑެނި އަލްވޭސް ހައްޔަރުކޮށް ޖަލައްލާފައިވާ ކަމަށާއި، އޭނާ ޖަލައްލާފައި ވަނީ މިދިޔަ ހުކުރު ދުވަހުގައި ކަމަށެވެ.
ގަދަކަމުން ސްޕެއިންގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މި މައްސަލަ އަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ހިނގި ހާދިސާއެއް ކަމަށާއި މިކަން ހިނގާފައިވަނީ ސްޕެއިންގެ ނައިޓްކުލަބެއްގެ ތެރޭގައި ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން ސްޕެއިންގެ ކޯޓަކުން ވަގުތީ އަމުރެއް ނެރެ އަލްވޭސް ޖަލައްލާފައިވާއިރު، ޖަލުގައި ހުރެގެން އަލްވޭސްއަށް މުއާމަލާތްތައް ކުރެވޭނެ ގޮތަށް ގާޒީ ހުއްދަ ދީފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
ކޯޓުގެ ޕްރެސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން އަލްވޭސްއާ ދެކޮޅަށް މައްސަލަ ހުށަހެޅި އަންހެން މީހާ ވަނީ އެކަން ސާބިތުވާފަދަ ހެކިވެސް ކޯޓަށް ހުށައަޅާފައެވެ. އޭގެ ތެރޭގައި އަލްވޭސް ގަދަކަމުން އެ އަންހެން މީހާ ރޭޕް ކުރަން އުޅުމުގެ ތެރޭގައި ލިބިފައިހުރި ބައެއް ޖިސްމާނީ އަނިޔާގެ ނިޝާންތަކުގެ އިތުރުން އެކަން އެނެގޭނޭ އިތުރު ހެކިވެރިއެއްގެ ހެކިބަސް ވެސް ދީފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައިގެ އަޑު އެހުމެއްވެސް މިހާރު ކުރިޔަށް ގެންގޮސްފައިވާއިރު، މި އަޑުއެހުމުގައި ރޭޕް ކުރިކަމަށް ބުނާ އުމުރުން 23 އަހަރުގެ އަންހެން މީހާއާއި އޭނާގެ ވަކީލުގެ އިތުރުން އަލްވޭސް އާއި އޭނާގެ ދިފާއީ ވަކީލުންވެސް ވަނީ ބައިވެރިވެފައެވެ.
އަލްވޭސް ސްޕެއިންގެ ނައިޓްކުލަބެއްގެ ތެރެއިން އަންހެނަކު ރެޕް ކުރިކަމަށް ކުރާ ތުހުމަތުތަކާއި އޭނާ ސީދާ ދެކޮޅު ހަދާފައިވާއިރު، އެކަން ހިގިކަން ސާބިތުވާ ހެއްކެއްގެ ގޮތުގައި ދެ ވީޑިއޯ ފުޓޭޖް ކޯޓަށް މިހާރު ލިބިފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން އަލްވޭސް އެންމެ ފަހުން ކުޅެމުން އައި މެކްސިކޯގެ ކުލަބު ޔުނިވާސިޑާޑް ނޭޝަނަލް އިން ވަނީ އޭނާ އެ ކުލަބާއި އެކު ވެފައިވާ އެއްބަސްވުން ވެސް ބާތިލްކޮށް ކުލަބުން ވަކިކޮށްފައެވެ.
އަލްވޭސް އަކީ ޔޫރަޕް ފުޓްބޯޅައިގައި މަޝްޙޫރު ކުޅުންތެރިއެކެވެ. އަލްވޭސް ވަނީ ޔޫރަޕްގެ ބޮޑެތި ކުލަބުތަކަށް ކުޅެފައެވެ. އެގޮތުން އޭނާ ކުޅުނު ބައެއް ކުލަބުތަކުގެ ތެރޭގައި ސްޕެއިންގެ ބާސެލޯނާ އާއި އިޓަލީގެ ޔުވެންޓަސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް