ދައުލަތަށް 13.1 މިލިއަން ރުފިޔާ ދެއްކުމަށް އެފްޓެކް ސޮލިއުޝަންސްގެ މައްޗަށް ހުކުމްކޮށްފި

ހެލްތު މިނިސްޓްރީއަށް ބޭނުންވާ މެޑިކަލް އަދި ލެބޯޓްރީ ކޮންސިއުމަބަލްސް ސަޕްލައިކޮށް ޑެލިވަރީކުރުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުން ފައިސާ ނެގުމަށްފަހު، އެ އެއްބަސްވުމުގައިވާ ގޮތަށް ތަކެތި ގެނެސްފައ...

25 Jan 2023 | 07:57

ހެލްތު މިނިސްޓްރީއަށް ބޭނުންވާ މެޑިކަލް އަދި ލެބޯޓްރީ ކޮންސިއުމަބަލްސް ސަޕްލައިކޮށް ޑެލިވަރީކުރުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުން ފައިސާ ނެގުމަށްފަހު، އެ އެއްބަސްވުމުގައިވާ ގޮތަށް ތަކެތި ގެނެސްފައި ނުވާތީ ދައުލަތަށް 13.1 މިލިއަން ރުފިޔާ ދެއްކުމަށް އެފްޓެކް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުވާކޮށްފައި ވަނީ 7 ސެޕްޓެމްބަރު 2010 ގައި ހެލްތު މިނިސްޓްރީއާއި އެކު އެފްޓެކުން ވެފައިވާ އެއްބަސްވުމުގެ ދަށުން، އެ އެއްބަސްވުމުގެ ޖުމުލަ އަގު ކަމަށްވާ 12.7 މިލިއަން ރުފިޔާ ލެޓާ އޮފް ކްރެޑިޓެއްގެ ދަށުން އެފްޓެކްއަށް ހަވާލުކުރި ނަމަވެސް އެ އެގްރީމެންޓްގައި ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ މުދާތަކުގެ ތެރެއިން 11.8 މިލިއަން ރުފިޔާގެ މުދާ ލިބިފައިނުވާތީ އެވެ.

އެގޮތުން ހެލްތް މިނިސްޓްރީން އެދިފައިވަނީ، އެފްޓެކުން އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ، އެ ފަރާތުގެ ކިބައިން ނުސީދާކޮށް ލިބުނު ގެއްލުމުގެ ބަދަލަށް ދައުވާކުރުމުގެ ހައްޤު ދައުލަތަށް ކަނޑައަޅައި ދިނުމަށެވެ. އަދި ލިބިފައިނުވާ މުދަލަށްވާ 11.8 މިލިއަން ރުފިޔާއާއި ލިކުއިޑޭޓަޑް ޑެމޭޖާސްގެ ގޮތުގައި 1.2 މިލިއަން ރުފިޔާއާއެކު ޖުމުލަ 13.1 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް އެފްޓެކްގެ މައްޗައް އަމުރު ކޮށްދިނުމަށެވެ.

ސިވިލް ކޯޓުން އިއްޔެ ކުރެއްވި ހުކުމުގައި ވަނީ އެފްޓެކް ކުންފުނި ރަޖިސްޓްރީ ކޮށްފައިވާ އެޑްރެހުގައި އެ ކުންފުނީގެ އޮފީހެއް ނެތުމުން ކޯޓު  އަމުރުތައް އެ ކުންފުންޏަށް ރައްދު ކުރެވިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން 20 ނޮވެމްބަރު 2019 ގައި އެ ކުންފުނީގެ ފަރާތުން ޖަވާބުދާރީވާނެ ފަރާތެއް ހާޒިރުވުމަށް އާންމުކޮށް އެންގުމުންވެސް އެ ކުންފުނީގެ ފަރާތުން ޖަވާބުދާރީވާނެ ފަރާތެއް ކޯޓަށް ހާޒިރުވެފައިނުވާ ކަމަށެވެ.

އަދި ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން އެއީ އުވާލާފައިވާ ކުންފުންޏެއް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ 9 ޖުލައި 2020 ވަނަ އަހަރުގެ އިއުލާނުގައި ބަޔާންކޮށްފައިވާކަމަށްވެސް ސިވިލް ކޯޓު ހުކުމުގައި ބުނެފައި ވެއެވެ.

އެހެންކަމުން މި ދައުވާ އާމެދު ފައިސަލާ ނުކުރެވޭނެކަން ދައުލަތަށް އެންގުމުން "ރިސްޓޯޑް" ކުންފުންޏެއްގެ ގޮތުގައި އެ މިނިސްޓްރީގެ ދަފުތަރުގައި އެފްޓެކް ހިމަނާފައިވާކަން  އެޓާނީ ޖެނެރަލްގެ އޮފީހާ 28 ޑިސެމްބަރު 2021 ގައި ހިއްސާކޮށްފައިވާ ކަމަށްވެސް އެ ހުކުމުގައި ހާމަކޮށްފައި ވެއެވެ.

މީގެ އިތުރުން ދެވަނަ ފަހަރަށް 16 ޖެނުއަރީ 2023 ގައި އެ ކުންފުނީގެ ފަރާތުން ޖަވާބުދާރީވާނެ ފަރާތެއް ކޯޓަށް ހާޒިރުވުމަށް އަންގައި، ހާޒިރު ނުވެއްޖެނަމަ ޣައިރު ހާޒިރުގައި މައްސަލަ ބަލާ ނިންމާނެ ކަމަށް އަންގާފައިވާ ކަމަށް ހުކުމުގައި ވެއެވެ.

މިގޮތުން ސިވިލް ކޯޓުގެ ހުކުމުގައި ވަނީ 13.1 މިލިއަން ރުފިޔާއަކީ އެފްޓެކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ އެއް ކަމަށް ކަނޑައަޅައިފައެވެ.

އަދި އެ ފައިސާ ދައުލަތަށް ލިބިދިނުމުގެ ގޮތުން 15 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި، ދަރަނި ހަލާސް ކުރުމަށް އެފްޓެކަށް އަންގައި އެ ކުންފުނީގެ ޣައިރު ހާޒިރުގައި ހުކުމްކުރާ ކަމަށްވެސް ސިވިލް ކޯޓުގެ ހުކުމުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް