ބީއެމްއެލުން ރަހުނަކާ ނުލާ 1.2 މިލިއަން އާ ހަމަޔަށް ލޯނާއި ފައިނޭންސިންގ ދޫކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަހުނަކާ ނުލާ ދުކުރާ ލޯނާއި ފައިނޭންސިންގ ޕްރޮޑަކްޓްތަކަށް ބަދަލު ގެނެސްފައިވާ ކަމަށާއި މިހާރު ރަހުނަކާ ނުލާ 1.2 މިލިއަނާ ހަމަޔަށް ލިމިޓް އިތުރުކޮށްފައިވާ ކަމަ...

25 Jan 2023 | 06:31

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަހުނަކާ ނުލާ ދުކުރާ ލޯނާއި ފައިނޭންސިންގ ޕްރޮޑަކްޓްތަކަށް ބަދަލު ގެނެސްފައިވާ ކަމަށާއި މިހާރު ރަހުނަކާ ނުލާ 1.2 މިލިއަނާ ހަމަޔަށް ލިމިޓް އިތުރުކޮށްފައިވާ ކަމަށް ބީއެމްއެލުން ބުނެފިއެވެ.

މިގޮތުން މިއަދުން ފެށިގެން، އަމިއްލަ އެކި ބޭނުންތަކަށް ނަގާ ލޯނުތައް އެއްކޮށްލެވި ލޯނު ދޫކުރަމުންދާނީ 'ބީއެމްއެލް ލުއި ލޯނު' ގެ ގޮތުގައި ކަމަށް އެ ބޭންކުން ހާމަކުރެއެވެ.

އަދި ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް 1.2 މިލިއަނާ ހަމަޔަށް މުދާ ގަތުމަށް ނުވަތަ ނަގުދު ފައިސާ ލިބޭ ގޮތަށް ފައިނޭންސިންގ ދޫކުރާނެ ކަމަށް އެ ބޭންކުން ބުނެފައި ވެއެވެ.

މި ބަދަލާއެކު، ބޭންކުން މިހާރު ލުއި ލޯނު ދިނުމާއި ޕަރސަނަލް ފައިނޭންސިންގ ދޫކުރާއިރު މުސާރައިގެ އިތުރުން ލިބޭ އެހެނިހެން އާމްދަނީ އަށްވެސް ބަލާނެކަމަށް ބީއެމްއެލުން ބުނެފައި ވެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލްގެ ޕޯޓްފޯލިއޯ އަށް މިގެނެވުނު ބަދަލާއެކު ކަސްޓަމަރުންނަށް އަމިއްލަ ބޭނުންތަކަށް، އެއީ ކޮންމެ ބޭނުމެއް ކަމުގައިވީ ނަމަވެސް ބޮޑު އަދަދެއްގެ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިވަނީ ފަހިވެފައި ކަމަށެވެ.

އަދި ބީއެމްއެލް އަކީ ދިވެހިން ހިޔާރުކުރާ ބޭންކަށްވީ ހިނދު، ކަސްޓަމަރުން ބޭނުންވާފަދަ އަދި އުންމީދު ކުރާ ފެންވަރަށްވުރެ ރަނގަޅު ހިދުމަތެއް ދިނުމަށް ނުހަނު އެ ބޭންކުން ބުރަކޮށް މަސައްކަތް ކުރަމުންދާނެ ކަމަށް ސްޓުމްކަ ވިދާޅުވެފައި ވެއެވެ.

ބީއެމްއެލުން ބުނީ އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ލުއި ލޯނު އަދި ޕަރސަނަލް ފައިނޭންސިންގ އަށް ހުށަހެޅޭނެ ކަމަށާއި 5 ދުވަސް ތެރޭ ޕްރޮސެސް ކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް