ފިނި ގަދަވެގެން އަފްގާނިސްތާނުން މިހާތަނަށް 150 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
އެގައުމުގެ ތޯލިބާން ސަރުކާރުގެ އެކްޓިން ޑިޒާސްޓާ މެނޭޖްމެންޓް މިނިސްޓަރު މުއްލާ މުހައްމަދު އައްބާސް އަހުންދު މީޑިއާގައި ވިދާޅުވީ މަރުވި މީހުންގެ އަދަދު މިހާރު 157 އަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފަގީރު އަވަށްތަކުގައި ދިރިއުޅޭ މީހުން ކަމަށް ވިދާޅުވި އެވެ.
އެ ސަރަހައްދުތަކަކީ ފަސޭހަ ސިއްހީ ހިދުމަތް ލިބެން ނެތްތަންނެވެ.
މުއްލާ ވިދާޅުވީ އެ ސަރަހައްދުތަކާއި ބޮޑެތި ސިޓީތަކާއި ގުޅުވައިދޭ މަގުތައް ސްނޯގެ ސަބަބުން ބަންދުވެފައިވާ ކަމަށެވެ. އަދި ހެލިކޮޕްޓަރުތަކުގައި އާންމުން ސަލާމަތް ކުރުމަށް ރެސްކިއު ޓީމްތައް ފޮނުވި ނަމަވެސް ބޯ ސްނޯގެ ސަބަބުން ހެލިކޮޕްޓަރު ޖައްސާނެ ތަންތަން ސާފު ނުވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފިނީގައި ގިނަ ބައެއްގެ ފުރާނަ ގެއްލުމަކީ ތޯލިބާން ސަރުކާރުން ކަންބޮޑުވާ ކަމެއް ކަމަށާއި އެ ސަރަހައްދުތަކަށް ދެވޭނެ ގޮތެއް ހޯދުމަށް ބޮޑެތި މަގުތަކުގައި ދަތުރުފަތުރު ކުރުން ނުހުއްޓޭނެ ގޮތަކަށް ސާފު ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށެވެ. އެކަމަކު ކުރިޔަށް އޮތް 10 ދުވަހު އެ ގައުމުގެ މޫސުމަށް ބަދަލު އަންނާނެ ކަމަކަށް ނުބެލެވެ އެވެ.
ކޮންމެ އަހަރަކުވެސް ފިނި މޫސުމަކީ މިފަދަ އަފްގާނިސްތާނަށް ބޯކޮށް ސްނޯވެހި މަގުތައް ބަންދުވެ އާންމުން އެކި ސަރަހައްދުތަކުގައި ތާށިވާ ދުވަސްވަރެކެވެ. އެކަމަކު މިދިޔަ 10 އަހަރު ތެރޭގައި އެންމެ ފިނި ގަދަވެފައިވަނީ މިއަހަރު ކަމަށް އެ ގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެ އެވެ.
އަހަރުގެ މި ދުވަސްވަރު އަފްގާނިސްތާނުގެ އެވްރެޖް ފިނިމިން ހުންނަނީ ސުން ދަރަޖަ އާއި މައިނަސް ފަސް ދަރަޖައިގަ އެވެ. ނަމަވެސް މި ދުވަސްވަރު އެ ގައުމުގެ ހުރިހާ ސަރަހައްދެއްގެ އެވްރެޖް ފިނިމިނަކީ، މައިނަސް 28 ދަރަޖަ ކަމަށް ރަސްމީ އިދާރާތަކުން ބުނެ އެވެ.
ކޮންމެ އަހަރަކުވެސް ފިނި މޫސުމުގައި ފަގީރު އަވަށްތަކުން މީހުން ސަލާމަތް ކުރުމަށް ބައިނަލްއަގުވާމީ އެހީދޭ ޖަމާއަތްތަކުގެ އެހީތެރިކަން ލިބެ އެވެ. އެކަމަކު އެފަދަ ޖަމާއަތްތަކުގައި އަންހެނުން މަސައްކަތް ކުރުން މަނާ ކުރުމުން އެ ޖަމާއަތްތަކުން ދަނީ އަފްގާނިސްތާނުގައި މަސައްކަތް ކުރުމަށް ދެކޮޅު ހަދަމުންނެވެ.
މި މައްސަލައިގަ ތޯލިބާން ސަރުކާރުން ވަނީ އެގައުމުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ޖަމާއަތްތަކުން އިސްލާމް ދީނުގެ ހުދޫދުގެ ތެރޭގައި އަމަލު ކުރުމަށް ހަދާ ގަވައިދުތަކަށް އިހުތިރާމް ކުރުމަށް އަންގާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް