ޝްރައްދާ މަރާލަން ޖެހުނު އަސްލު ސަބަބު އާފްތާބު ބުނެފި

މިދިޔަ އަހަރު ނިމެނިކޮށް އިންޑިއާ ސިއްސުވާލި މަރުގެ މައްސަލައިގަ ހިމެނޭ އާފްތާބް އަމީން ޕޫނަމްވާލާ، އޭނާގެ ލޯބިވެރިޔާ ޝްރައްދާ ވަލްކާއަށް ހަމަލާދީ މަރާލަން ޖެހުނު އަސްލު ސަބަބު ބުނެދީފި އެވެ. މިދިޔަ ނ...

25 Jan 2023 | 03:12

މިދިޔަ އަހަރު ނިމެނިކޮށް އިންޑިއާ ސިއްސުވާލި މަރުގެ މައްސަލައިގަ ހިމެނޭ އާފްތާބް އަމީން ޕޫނަމްވާލާ، އޭނާގެ ލޯބިވެރިޔާ ޝްރައްދާ ވަލްކާއަށް ހަމަލާދީ މަރާލަން ޖެހުނު އަސްލު ސަބަބު ބުނެދީފި އެވެ.

މިދިޔަ ނޮވެމްބަރު މަހު ފަޅާއެރި އެ މަރުގެ މައްސަލައިގެ ތަހުގީގުން އެނގުނު ގޮތުގައި އާފްތާބު ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހު ޝްރައްދާ މަރާލާފައި އެވެ. އަދި އޭނާގެ ހަށިގަނޑު 35 ބަޔަށް ބުރިކޮށްގެން ޑިފްރިޖެއްގައި ބެހެއްޓުމަށް ފަހު އޭނާ ވަނީ ވެރިރަށް ދިއްލީގެ ޖަންގަލިތަކަށް އެކި ދުވަސްމަތިން އުކާފައި އެވެ.

މި މައްސަލައިގަ ދިއްލީ ފުލުހުން ވަނީ އާފްތާބާއި ދެކޮޅަށް 6،636 ގަނޑުގެ ހެއްކާއި އެކު ކޯޓަށް މައްސަލަ ވައްދާފައި އެވެ. ފުލުހުން ކޯޓަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި އާފްތާބު ފުލުހުންނަށް ދިން ބަޔާން ހިމެނޭއިރު ކޯޓުގައި ފުލުހުން ވަނީ ޝްރައްދާ މަރާލަން ޖެހުނު އަސްލު ސަބަބު ހާމަކޮށްފައި އެވެ.

އާފްތާބު ދިން ބަޔާނާއި ހަވާލާދީ ފުލުހުން ބުނީ މެއި 18 ވަނަ ދުވަހު ދެމީހުންގެ މެދުގައި ޒުވާބު ހިނގީ އޭނާއަށް ނޭނގި ޝްރައްދާ އެކުވެރިއެއްގެ ގެއަށް ގޮސް އެއް ރޭ އެގޭގައި ނިދާފައި ދިއުމުންނެވެ. އަދި އެ ރުޅިގަނޑުގައި އާފްތާބަށް ކޮންޓޯލް ނުކުރެވިގެން މަރާލީ ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އާފްތާބު އޮންނަނީ ޝްރައްދާގެ އެކުވެރިންނާއި ބައްދަލު ކުރުން މަނާކޮށްފައި އެވެ. އެއީ އޭނާ ކުރާ އަނިޔާ އާއި ދެމީހުންގެ މެދުގައި އުފެދޭ ހިޔާލުތަފާތުވުންތަކުގެ ވާހަކަ އެކުވެރިންނާއި އޭގެ ކުރިން ހިއްސާކޮށްފައި އޮތުމުން އެ ދެމީހުން ވަކިވާން ޝްރައްދާގެ އެކުވެރިން ނަސޭހަތް ދޭތީ އެވެ.

ފުލުހުން ބުނީ ޝްރައްދާ މަރާލުމަށް ފަހު ހަށިގަނޑު ބައިބަޔަށް ބުރިކޮށްފައިވަނީ ކީހަކުން ކަމަށެވެ. އަދި ދިއްލީގެ އެކި ޖަންގަލިތަކަށް އުކާފައި ހުރި ހަށިގަނޑުގެ ބައިތައް ކައްޓަށް ވެފައި ހުރި ނަމަވެސް އެ ކަށިތައް ޑީއެންއޭ ޓެސްޓު ހެދުމުން ޝްރައްދާ ބައްޕަގެ ޑީއެންއޭއާއި ދިމާވެފައިވެ އެވެ.

އާފްތާބާއި ޝްރައްދާ އެއް ގެއެއްގައި ދިރިއުޅޭތާ ދެ އަހަރުވެއްޖެ އެވެ. ދެމީހުންގެ މެދުގައި މައްސަލަ ޖެހެންފެށީ ޝްރައްދާ އަބަދު ކައިވެނި ކުރަން ކިޔާތީކަމަށް އާފްތާބް ބުނެފައިވެ އެވެ.

ޝްރައްދާގެ މަރާއި އާފްތާބާއި ގުޅުން ހުރިކަން އެނގުނީ ޝްރައްދާގެ ހަބަރެއް ނުވާތާ ހަ މަހަށްވުރެ ގިނަ ދުވަސް ވެގެން އޭނާގެ ބައްޕަ ފުލުހުންނަށް މައްސަލަ ހުށަހެޅުމުންނެވެ. ފުލުހުން ދެމީހުން އުޅުނު އެޕާޓްމެންޓު ހޯދީ އެންމެ ފަހުން ޝްރައްދާގެ ފޯނު އޮތް ތަން ކަމަށް އެ ސަރަހައްދު ދައްކާތީ ކަމަށް ބުނެފައިވެ އެވެ.

ޝްރައްދާ، އާފްތާބާއި ރައްޓެހިވެގެން އުޅުނީ އާއިލާ އާއިވެސް ދެކޮޅަށެވެ.

ޝްރައްދާ މަރާލުމަށް ފަހު، އަފްތާބް ވަނީ ޝްރައްދާގެ ބޭންކް އެކައުންޓުގެ އެޕް ބޭނުންކޮށްގެން 54،000 އިންޑިއަން ރުޕީސްގެ ޓްރާންފާއެއް ހަދައިފަ އެވެ. އަދި އެއްވެސް ކަމެއް ނުވާކަން ދެއްކުމަށް ޝްރައްދާގެ އިންސްޓަގްރާމް އެކައުންޓުން ލޮގިންވެ ޝަރައްދާއަށްވެގެން ޕޯސްޓުތައް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް