އައްޑޫ ސިޓީގައި ވަކިން އޮންނަ ހުޅުމީދޫ އައްޑު ސިޓީ ކައުންސިލުން ވަކިވެ ވަކި ކައުންސިލެއްގެ ގޮތުގައި ހިންގަން ތާއީދު ނުކުރައްވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން އައްޑު އަށް ކަނޑައަޅާ މެނިފެސްޓޯ އެކުލަވައިލަން ހިތަދޫގައި ކުރިއަށް ގެންދާ ވޯކްޝޮޕްތެރޭގައި ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން މި ރަށްރަަށް ވަކި ކުރުމުގެ ބަދަލުގައި، ސިޓީ ކައުންސިލްގައި އެ ސިޓީގެ ހުރިހާ ރަށެއް ހިމެނި، މުޅި ސިޓީގެ ތަރައްގީއަށް މަސައްކަތް ކުރާނެ ސިޓީ ކައުންސިލެއް އުފެއްދުން އެންމެ ބުއްދިވެރިވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ އެންމެން އެކީގައި ގުޅިގެން އެކަތިގަނޑެއްގައި ގޮތުގައި މަސައްކަތް ކުރުން ކަމަށެވެ. އަދި އައްޑޫގެ އަވަށްތައް ވަކިވަކިން ނުހިންގިޔަސް، ލާމަރުކަޒީ ގާނޫނު އޮތް ގޮތުން ސިޓީ ކައުންސިލުން ހަދާ ގާނޫނެއްގެ ދަށުން ސިޓީގެ ވަކިވަކި އަވަށުގައި އަވަށު ބޯޑުތައް ގާއިމުކޮށް އޮފީސްތައް ބަހައްޓައިގެން ރައްޔިތުންނާ ގާތުން ހިދުމަތް ދެވިދާނެ ކަމަށެވެ.
އެކަމަކު ތާއީދު ނުކުރާ ކަމެއް އޮތް ނަމަ ފެންނަ ގޮތަކާ ދޭތެރޭ ހިޔާލުފާޅުކޮށް، ޕެޓިޝަން ފަދަ އެއްޗެހި ހެދުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކަ އަކީ ކޮންމެ ބަޔަކީ އަވަށް ނޫނީ ރަށުގެ މީހަކަށްވުމުގެ ކުރިން ކޮންމެ މީހަކު ވެސް ފުރަތަމަ އައްޑޫ ސިޓީ މީހަކަށް ވުން ރަނގަޅު ވާނޭ. ދިވެހި ރައްޔިތަކަށް ވެވުނިއްޔާ މާ ރަނގަޅު ވާނޭ. ހުރިހާ ރަށެއް ސިޓީގައި ވަންޏާ މާ ރަނގަޅު ވާނޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ހުޅުދު އާއި މީދޫ ރައްޔިތުން ރަށު ކައުންސިލަކަށް ނޫނީ ވޯޓްލާން ބޭނުންވާ ނުވާ ކަމަށް ބުނެ އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) އިން ވަނީ ޕެޓިޝަނެއްގައި ސޮއި ކޮށްފައި އެވެ. މި ޕެޓިޝަން މިދިޔަ ހަފުތާގައި ނަޝީދަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިލެކްޝަން ކޮމިޝަން (އީސީ) ގެ އިތުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ވެސް ވަނީ ހުށަހަޅައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް