ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީ ބަނޑުއަޅާ ވިހޭ ދަރިއެއް، އެދަރި ބިކަވިޔަކަ ނުދޭނަން: ޝާހިދު

ލާމަރުކަޒީ ނިޒާމަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ބަނޑުއަޅައި ވިހޭ ދަރިއެއްކަމަށާއި، އެޕާޓީއިން އެދަރިފުޅު ބިކަވިޔަ ނުދޭނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމްޑީޕީއ...

25 Jan 2020 | 09:11

ލާމަރުކަޒީ ނިޒާމަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ބަނޑުއަޅައި ވިހޭ ދަރިއެއްކަމަށާއި، އެޕާޓީއިން އެދަރިފުޅު ބިކަވިޔަ ނުދޭނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށްގެންދިޔަ މެނިފެސްޓޯ ވޯކްޝޮޕްތަކުގެ ތެރެއިން ށ. ފޯކައިދޫގައި ކުރިއަށްދިޔަ އެއަތޮޅުގެ ވޯކްޝޮޕް ފައްޓަވައިދެއްވަމުން ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީއިން ރާއްޖެއަށް ގެނެސްދިން ނިޒާމެއްކަމަށާއި، އެނިޒާމް ދަމަހައްޓަން އެޕާޓީއިން މަސައްކަތްކުރާނެކަމަށެވެ. އަދި އަމިއްލަ ދަރިފުޅަށް އަޅާލާފަދައިން، އެނިޒާމް ރާއްޖޭގައި ބިކަވިޔަ ނުދިނުމަށް އެމްޑީޕީއިން މަސައްކަތްކުރާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މާލޭގެ ފިނި ކޮޓަރީގައި ތިބެގެން ރާއްޖޭގެ ރަށްތައް ހިންގޭނެކަމަށް ގަބޫލުކުރާ، ލާމަރުކަޒީ ފިކުރާ އިދިކޮޅު ބަޔަކު ރާއްޖޭގައި އެބަތިބިކަމަށާއި، އެމީހުންނަށް މި އިންތިހާބުގައި ފުރުސަތު ދީގެން ނުވާނެކަމަށެވެ. ލާމަރުކަޒީ ނިޒާމް ގަބޫލުކުރާ ކެންޑިޑޭޓުން މިއިންތިހާބުގައި ހޮވަން ޖެހޭކަމަށާއި، އެކެންޑިޑޭޓުންނަކީ އެމްޑީޕީ ކެންޑިޑޭޓުންކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީއިން ގަބޫލުކުރާ ކެންޑިޑޭޓުން ނޫން އެހެން ބަޔަކު ކައުންސިލްތަކަށް އަތުވެއްޖެނަމަ މިނިޒާމް ފުނޑުފުނޑުކޮށްލަން މަސައްކަތްކުރާނެކަމަށާއި، އެހެން އެކަންވެއްޖެނަމަ ކައުންސިލްތަކަށް އިތުރު ބާރުތައް ދިނުމަށް ދެކޮޅު ހެދި ވާދަވެރި ފަރާތްތަކަށް ލާމަރުކަޒީ ނިޒާމާ ދެކޮޅަށް ވާހަކަ ދައްކަން ފުރުސަތު ދެވޭނެކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ފުރުސަތެއް ވާދަވެރިންނަށް ނުދިނުމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީއިން ކާމިޔާބުކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކެންޑިޑޭޓުންނާއި ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއިއެކު ބޭއްވި މި ވޯކްޝޮޕްގައި މިނިސްޓަރު ޝާހިދު ވަނީ އިންތިހާބުގައި ވާދަކުރައްވާ އަންހެން ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވެ، އެބޭފުޅުންނަށްވެސް ހިތްވަރު ދެއްވާފައެވެ. އަދި ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބަޔަކީ އަންހެން މެމްބަރުންނަށް ހެދުމަށް ގާނޫނު އިސްލާޙުކުރެއްވުމަށް އިސްނެންގެވީ ރައީސް ސޯލިޙާއި އެމްޑީޕީކަމަށާއި، އެކަމާއި އެހެން ހުރިހާ ޕާޓީއަކުން ދެކޮޅު ހެދިކަން ފާހަގަކުރެއްވިއެވެ. އަދި އަންހެނުން ބާރުވެރިކުރުވުމަށް ދެކޮޅު ހެދި ބަޔަކު ބޭނުންވާ ކެންޑިޑޭޓުން ކައުންސިލްތަކަށް ހޮވުމަށް ފުރުސަތު ނުދެއްވުމަށްވެސް ޝާހިދު ގޮވާލެއްވިއެވެ.

މިމަހުގެ 31 ވަނަ ދުވަހު އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ އޮތް އިރު، ޕްރައިމަރީއިން ބަލިވާ ކެންޑިޑޭޓުން، މޮޅުވާ ކެންޑިޑޭޓުންގެ ފަހަތަށް އަރަން ޖެހޭނެކަމަށް ވިދާޅުވެ، އެކުވެރިކަމާއިއެކު ކެމްޕޭން ކުރެއްވުމަށް ޝާހިދު އިލްތިމާސްކުރެއްވިއެވެ.

ފޯކައިދޫގެ އިތުރުން ށ އަތޮޅު ނޫމަރާ، ފުނަދޫ އަދި މިލަންދޫއަށް ވަޑައިގެން، އެރަށްރަށުގެ ކެމްޕެއިން ޓީމްތަކާއި ބައްދަލުކުރެއްވުމަށްފަހުވެސް މިނިސްޓަރ ޝާހިދު މިފަދައިން ވާހަކަދެއްކެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް