ވޫހާން ސިޓީގައި ތިބި ދިވެހިން އެހެން ސަރަހައްދަކަށް ބަދަލު ކުރަނީ

ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ނޯވެލް ކޮރޯނާ ވައިރަސް ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގައި ދިރިއުޅޭ ދިވެހިން އެހެން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ދިވެހި ސަރުކާރ...

25 Jan 2020 | 07:08

ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ނޯވެލް ކޮރޯނާ ވައިރަސް ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގައި ދިރިއުޅޭ ދިވެހިން އެހެން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފަށައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ސިޓީގައި ހަތް ދިވެހިން ދިރިއުޅެމުންދާ ކަމަށެވެ. އޭގެ ތެރޭގައި ކިޔަވާކުދިން ހިމެނެ އެވެ. އެ މިނިސްޓްރީން ބުނީ އެ މީހުންގެ ހާލު ޗައިނާގައި ހުންނަ ދިވެހި އެމްބަސީން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި މިވަގުތު އެމީހުންގެ ހާލު ރަނގަޅު ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ އެމީހުން އެހެން ސަރަހައްދަކަށް ބަދަލު ކުރުމާއި ގުޅޭގޮތުން ރާއްޖޭގައި ހުންނަ ޗައިނާގެ ސަފީރު ޒަން އާއި މިއަދު ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ހަމަ މިކަމާއި ގުޅޭގޮތުން، ބެއިޖިންގައި ހުންނަ ދިވެހި އެމްބަސީއިން ޗައިނާގެ ފޮރިން މިނިސްޓްރީގެ ކަމާއިބެހޭ ފަރާތްތަކާއެކު ވެސް ދަނީ މަޝްވަރާކުރަމުން ކަމަށް ބުނެ އެވެ.

މި މަޝްވަރާތަކުގައި ވޫހާން ސިޓީގައި ތިބި ބޭރުގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން އެގައުމުގެ ފޮރިން މިނިސްޓްރީން ދީފައިވެ އެވެ. އަދި ދަރިވަރުން ކިޔަވަމުނަގެންދާ ޔުނިވަރސިޓީތައް މެދުވެރިކޮށް އެ ކުދިންގެ ހާލުބަލައި އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި މިގޮތުން ދިވެހި ކިޔަވާކުދިންގެ ކަންތައްތައްވެސް ބަލާނެކަމުގެ ފުރިހަމަ ޔަގީންކަން ޗައިނާ ސަރުކާރުން ދީފައިވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ވޫހާން ސިޓީގެ އިތުރުން އެހެން ސަރަހައްދުތަކުގައި ތިބި ދިވެހިންނާއި ދިވެހި ދަރިވަރުންގެ ހާލުވެސް އެ މިނިސްޓްރީން ވަރަށޤ ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެ ހުރިހާ ފަރާތްތަކާއި ފޯނުން ގުޅަމުންދާ ކަމަށް މައުލޫމާތުދެ އެވެ.

ޗައިނާގެ އިތުރުން ކޮރޯނާ ވައިރަސްޖެހިފައިވާ މީހުން ނުވަ ގައުމަކުން ފެނިފައިވެ އެވެ. އެގޮތުން ވައިރަސް845 މީހުންނަށް ޖެހިފައިވާއިރު އޭގެ ތެރެއިން117 މީހުންގެ ހާލު ސީރިއަސް އެވެ.

މިހާތަނަށް މި ބަލި ޖެހިގެން25 މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް