ބޮލީވުޑްގެ ބަތަލާ ޝްރަދާ ކަޕޫރު މިއަހަރު ކައިވެނި ކުރާ ކަމަށް ބުނެ އެ އަޑު ގަދަވާން ފަށާފައި ވަނިކޮށް އެއަޑު ޝްރާދާ އޮއްބާލައިފި އެވެ.
އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ބޮލީވުޑްގައި މަސައްކަތް ކުރާ ފޮޓޯގްރާފަރެއް ކަމަށްވާ ރޯހަން ޝްރެސްތާ އާއި ކަމަށްވެ އެވެ. އެދެމީހުން އެކުގައި އުޅޭތާ ދެ އަހަރެއްހާ ދުވަސްވެފައިވާ ކަމަށާއި އެކުގައި މަދުން ނަމަވެސް ތަންތަނަށް ގޮސް ހަދާކަމަށްވެ އެވެ. އެކަމަކު އެ ދެމީހުންގެ ގުޅުމާއި ގުޅޭގޮތުން މިހާތަނަށް ރަސްމީ ސިފައެއްގައި ނުވަތަ އެމީހުންގެ އުޅުމުން މައުލޫމާތު ސާފުވާގޮތެއް ނުވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ދާދިފަހުން ޝްރަދާ މެގަޒިން އަކަށް ނެގި ފޮޓޯތަކެއް ނެގީ ރޯހަން އެވެ. އެކަމާ ގުޅިގެން ބޮލީވުޑްގައި އެކުގަ މަސައްކަތް ކުރާ ބައެއް ފަންނާނުން ސޯޝަލް މީޑިއާގައި ދިމާކޮށްފައިވެ އެވެ. އަދި މިއަހަރު އެ ދެ މީހުންގެ ކައިވެނި އޮންނާނެ ކަމަށް ބައެއް ފަންނާނުން ބުނެފައިވާ ކަމަށްވެ އެވެ.
ކައިވެންޏާއި ގުޅޭގޮތުން ބޮންބޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ނޫސްވެރިޔާ ސުވާލު ކުރުމުން ޝްރަދާ ބުނެފައިވަނީ މިވަގުތު ކުޅެން އެއްބަސްވެފައިވާ ފިލްމުތަކާއި ދޭތެރޭ ވިސްނުން ފިޔަވާ އިތުރު އެއްވެސް ކަމެއް ކުރުމަށް އޭނާ ނުވިސްނާ ކަމަށެވެ. އަދި އޭނާގެ ކައިވެނި މިއަހަރު ކުރެވޭ ކަމަށް ބުނެ އަރުވަނީ އަޑު ކަމަށް ބުންޏެވެ.
ޝްރަދާގެ ކައިވެންޏާ ގުޅޭގޮތުން އޭނާގެ ބައްޕަ ޝަކްތީ ކަޕޫރު ބުނެފައިވަނީ އާއިލާއަށް ނުދައްކާ ނުވަތަ ރުހުމާއި ނުލައި ޝްރަދާ އަމިއްލައަށް މީހަކާ އިންނަން ނުނިންމާނެ ކަމަށެވެ. އަދި މިވަގުތު ޝްރަދާގެ ވިސްނުމުގައި ހުރީ ބޮލީވުޑްގައި ކުރިޔަށް ދިއުން ކަމަށާއި ކުރިޔަށް އޮތް ހަތަރު، ފަސް އަހަރު ތެރޭ ޝްރަދާ ކައިވެނި ކުރާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
މިހާރު ސިނަމާތަކުގައި ދައްކަމުންދާ "ސްޓްރީޓް ޑާންސާ ސްރީ ޑީ" ގައި ޝްރަދާ ފެނިގެންދާއިރު އަންނަ މާޗު މަހު ރިލީޒް ކުރާ "ބާގީ3" އިންވެސް އޭނާ ފެނިގެންދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް