ރައީސުލްޖުމުހުރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
ހެލްތް މިނިސްޓަރ ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އިންޑިއާއަށް ވަޑައިގެންނެވީ، ޕްރޮޓޯން ތެރަޕީއާއެކު ކެންސަރަށް ފަރުވާދޭ ދެކުނު އޭޝިއާގެ ފުރަތަމަ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރި ވުމަށެވެ.
އިންޑިއާގެ ޗެންނާއީގައި ޤާއިމުކޮށްފައިވާ ޕްރޮޓޯން ތެރަޕީއާއެކު ކެންސަރަށް ފަރުވާދޭ ދެކުނު އޭޝިއާގެ ފުރަތަމަ މަރުކަޒު، "އެޕޯލޯ ޕްރޮޓޯން ކެންސަރ ސެންޓަރ" ހުޅުއްވައިދެއްވާފައިވަނީ އިންޑިއާގެ ނައިބު ރައީސް ޝްރީ ވެންކައިއަ ނައިޑޫއެވެ. އެޕޯލޯ ހޮސްޕިޓަލްސްގެ ފަރާތުން ހުޅުވި މި ކެންސަރ ސެންޓަރަކީ ކެންސަރު ބައްޔައް ފަރުވާކުރުމަށް މިހާރު ދުނިޔޭގައި ބޭނުންކުރާ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތްދޭ ހޮސްޕިޓަލެކެވެ.
ޕްރޮޓޯން ތެރެޕީގެ އެހީގައި ރޭޑިއަޝަން ބޭނުންކޮށްގެން ޓިއުމަރު ފަދަ ތަކެތި ނައްތާލައި، ކެންސަރު ބައްޔަށްވެސް ފަރުވާ ދިނުމަށް ބޭނުންކުރާ ތެރެޕީއެކެވެ. މި ހޮސްޕިޓަލާއި އެކީ މިހިދުމަތް މިވަނީ ދެކުނު އޭޝިއާ އަށް ތައަރަފް ވެގެން ގޮސްފައެވެ.
ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ އެޕޯލޯ ޕްރޮޓޯން ކެންސަރ ސެންޓަރގެ އިސްވެރިންނާ ބައްދަލުކުރައްވައި އެ ސެންޓަރުންދޭ ޚިދުމަތްތައް ބައްލަވާލައްވާފައެވެ. އަދި މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ އިންޑިއާގެ ކޭރަލަ ސްޓޭޓްގެ ހެލްތް މިނިސްޓަރާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އިންޑިއާ ގުޅިގެން ސިއްޙީ ދާއިރާއިން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ހެލްތް މިނިސްޓަރ އިންޑިއާއަށް މިކުރައްވާ ދަތުރުފުޅު 3 ދުވަހުގެ ނިޔަލަށް ދެމިގެން ދާނެއެވެ. އަދި މި ދަތުރުފުޅުގައި ހެލްތް މިނިސްޓަރ ޓްރިވެންޑްރަމްގައި ހުންނަ ބޮޑެތި ހޮސްޕިޓަލްތަކުގެ މަސައްކަތްތައް ބައްލަވާލައްވައި، ހޮސްޕިޓަލްތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް