ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރުގައި ބޭންކްގެ ބްރާންޗެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ބޭންކް އޮފް މޯލްޑިވްސް އިން ހާމަކޮށްފި އެވެ.
ހޮޓެލް ޖެންގައި ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި މިކަން ހާމަކުރެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ އެވެ.
އެ ރަސްމިއްޔާތުގައި ހީލީ ވިދާޅުވީ އެ ބޭންކުން މަސައްކަތް ކުރަމުން އަންނަނީ އޭޝިއާގެ ގައުމެއްގައި އެ ބޭންކްގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ލައިސަންސަށް އެދި ހުށެހެޅުމަށް ކަމަށާއި މި އަހަރުގެ ނިމުމުގެ ކުރިން ހިދުމަތް ދޭން ފެށުމަކީ ބޭންކްގެ އުންމީދެއް ކަމުގައިވެސް ހީލީ ވިދާޅުވި އެވެ.
ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސް އިން ބްރާންޗެއް ހުޅުވަން އުޅެނީ ކޮން ގައުމެއްގައިކަން ބީއެމްއެލް އިން ހާމަކޮށްފައެއް ނުވެ އެވެ.
ނަމަވެސް ދުވަސް އަށް މައުލޫމާތު ލިބިފައިވާގޮތުގައި ބީއެމްއެލް އިން ބްރާންޗެއް ހުޅުވަން އުޅެނީ، ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ސްރީލަންކާގެ ކޮލޮމްބޯގައި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 33 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 92 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި އެ ބޭންކުން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް