ރެއާލް މެޑްރިޑް ރަށުން ބޭރުގައި 1-0 ގެ ނަތީޖާއިން މޮޅުވެފައިވަނިކޮށް، ދެ ވަނަ ލެގުގައި 2-1 ގެ ނަތީޖާއިން ލެގަނޭސް އަތުން ބަލިވެ ލަދުވެތި ގޮތަކަށް ސްޕެނިޝް ކަޕުން ކަޓައިފިއެވެ. މި ނަތީޖާއާއެކު ލެގަނޭސް ސެމީ ފައިނަލަށް ދަތުރު ކުރީ ޕޮއިންޓްގެ ގޮތުން އަދި ލަނޑުގެ ގޮތުން އެއްވަރުވެ، ރަށުން ބޭރުގައި ޖެހި ލަނޑުގެ ފައިދާ (އަވޭ ގޯލް އެޑްވާންޓޭޖް) އިންނެވެ.
ރެއާލް މެޑްރިޑް އެންމެ ފަހުން ލީގުގައި ކުޅުނު މެޗުން ހޯދި ތަފާތު ބޮޑު މޮޅާއެކު، އެ ޓީމު ހަމައަކަށް އެޅުނުކަމަށް ބެލެވުނު ނަމަވެސް މި ސީޒަންގެ އުނދަގޫ ހާލާތު އިތުރަށް މި ވަނީ ގޯސްވެފައެވެ. ލީގުގައި އެއް ވަނައިގައި އޮތް ބާސެލޯނާއަށްވުރެ 19 ޕޮއިންޓް ފަހަތުގައި އޮތްއިރު، ކަޕުން ކެޓުމާއެކު މި ސީޒަންގައި ޑޮމެސްޓިކް މުބާރާތެއް ކާމިޔާބު ކުރުމަށް އޮތް ހަމައެކަނި އުންމީދު ވެސް ރެއާލްއަށް މި ވަނީ ގެއްލިފައެވެ. އަނެއްކޮޅުން މިއީ އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން ރެއާލް މެޑްރިޑް ބަލިވި 3 ވަނަ މެޗެވެ.
ރަށުން ބޭރުގައި ފުރަތަމަ ލެގު ކާމިޔާބު ކުރެވިފައިވުމާއެކު ރެއާލް ފަސޭހަކަމާއެކު ސެމީ ފައިނަލަށް ދާނެކަމަށް ބެލެވުނު ނަމަވެސް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޖަވިއޭ އެރާސޯ ކާމިޔާބު ކޮށްދިން ލަނޑާއެކު ލެގަނޭސްއިން އެގްރިގޭޓް ނަތީޖާ ހަމަހަމަކޮށް ރެއާލް ހާސްކޮށްލިއެވެ.
ދެވަނަ ހާފު ފެށިގެން 2 ވަނަ މިނިޓުގައި ކަރީމް ބެންޒެމާ ކާމިޔާބު ކޮށްދިން ލަނޑާއެކު ރެއާލްއިން ނަތީޖާ ހަމަހަމަކޮށް އެގްރިގޭޓުން ކުރި ހޯދުމާއެކު އެ ޓީމަށް ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. މިއީ މިދިޔަ ނޮވެމްބަރ މަހުގެ ފަހުން ބެންޒެމާއަށް ޖެހުނު ފުރަތަމަ ލަނޑެވެ.
ގިނަ ބަޔަކު ހީކުރި ގޮތާ ޚިލާފަށް ރެއާލް ކަޓުވާލުމަށްފަހު ލެގަނޭސް ސެމީއަށް ދެމިގަތީ އެރާސޯ ނަގައިދިން ކޯނަރަކުން ގެބްރިއަލް ޕިއާސް ބޮލުން ކާމިޔާބު ކުރި ލަނޑުންނެވެ. ބޭލް އާއި ރޮނާލްޑޯ ނުލާ ކުޅުނު ރެއާލް ބަލިކުރުމާއެކު މިއީ ލެގަނޭސް މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ.
މި ބައްޔަށްފަހު ރެއާލްގެ ކޯޗު ޒިދާން ބުނެފައިވަނީ މިއީ އޭނާގެ ކޯޗެއްގެ ގޮތުގައި އެންމެ ދެރަވި ދުވަސް ކަމަށާއި، ބަލިވުމުގެ ފުރިހަމަ ޒިންމާ ނަގާކަމަށެވެ. މި ބައްޔާއެކު ޒިދާންގެ ވަޒީފާއާމެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް