ގައުމީ ދިފާއީ ބާރު، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އެލާޓް ސްޓޭޓަސް "ޔެލޯ2" އަށް މަތިކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެމްއެންޑީއެފުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި އެމްއެންޑީއެފުން ބުނެފައިވަނީ މިރޭ 7:00 އިން ފެށިގެން ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސާ "ޔެލޯ2" އަށް ބަދަލުކޮށްފައިވާކަމަށެވެ.
"އެހެންކަމާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެއެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މިގޮތުން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރަމުން ގެންދެވޭނެ ކަމަށާއި މިކަމަކީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމެއް ކަމަށްވުމާއެކު ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެކަމަށް ޔަގީން ކުރާ ކަމުގައިވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެމްއެންޑީއެފްގެ "އެލަރޓް ސްޓޭޓަސް "ޔެލޯ 2" އަކީ ޤައުމުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެކަމަށް ބެލެވުން ނުވަތަ އެފަދަ މަޢުލޫމާތެއް ލިބުން" މި ހާލަތުގައި ނެރޭ އެލާޓެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް