ކާރު ތެރެއިން ފިންގާ ޕްރިންޓް ފެނިފައިވޭ، ގާސިމް މަރާލީ ގަސްދުގައެއް ނޫން: ފުލުހުން

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން ދުއްވި ކާރު ތެރެއިން ފިންގާ ޕްރިންޓް ފެނިފައިވާ ކަމަށާއި ގާސިމް މަރާލީ ގަސްދުގައެއް ނޫންކަމަށް ފުލުހުން ބުނެފިއެެވެ. އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށްދާ ޕްރެސް ކޮން...

24 Dec 2019 | 08:21

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން ދުއްވި ކާރު ތެރެއިން ފިންގާ ޕްރިންޓް ފެނިފައިވާ ކަމަށާއި ގާސިމް މަރާލީ ގަސްދުގައެއް ނޫންކަމަށް ފުލުހުން ބުނެފިއެެވެ.

އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ހެޑް އޮފް ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް ހަސަން ޝިފާޢު ވިދާޅުވީ ކާރުގެ ތެރޭގައިވެސް ގާސިމްގެ ލޭ ހުރިކަމަށާއި ކާރާއި ހަމައިން ގާސިމް ވެއްޓިފައި އޮތް ސަރަހައްދާއި ހަމައަށްވެސް ލޭ ހުރި ކަމަށެވެ.

ޝިފާޢު ވިދާޅުވީ އަދުހަމް މަސައްކަތް ކުރީ ވަޅިން ބިރުދައްކައި ގާސިމްގެ އަތުން ފޭރެން ކަަމަށާއި ނަމަވެސް އޭނާގެ ކަރުގައި އެއްއަތުން ހިފާ އަނެއް އަތުން ވަޅިން ބިރުދެއްކުމުން ގާސިމް، ވަޅީގައި ދެ އަތުން ހިފުމުން، ވަޅި ދަމައިގެންފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ ގާސިމް ހަސަން ގާތު ހާފްވޭ ހައުސްއަށް ގެންދިޔުމަށް އެދިފައިވާ ކަމަށާއި އެތަނަށް ގެންދިޔުމަށް ގަސްތުކޮށްފައިވަނީ އެ ސަރަހައްދަކީ އެކަށީގެންވާ އަލިކަމެއް ނެތް އަނދިރި، މީހުން ނޫޅޭ ހަމަހިމޭން ސަރަހައްދަކަށް ވާތީ ކަމަށް ބެލެވޭ ކަމަށްވއެސް ސާމިހު ވިދާޅުވިއެވެ.

އެގޮތުން ހާފްވޭ ހައުސްއަށް ވަންނަން އޮންނަ ގޯޅިއަށް ކާރު ވަތް ވަގުތު ފަހަތު ޝީޓްގައި އިނދެފައި އަދުހަމް ވަޅި ނަގައި ގާސިމަށް ބިރު ދައްކަން ކަރުގައި ވަޅި ޖެއްސުމާއެކު ސަލާމަތްވާން އޭނާ ވަރަށް ބާރަށް ހަޅޭއްލަވަމުން ގެންދިޔަ ކަމަށް ސާމިހު ވިދާޅުވިއެވެ. އަދި އެ އަޑު ކަނޑުވާލުމަށްޓަކާ ތަކުރާރުކޮށް މަސައްކަތްކޮށް، އެކަން ނުވުމުން ދެން މަސައްކަތް ކުރީ ވަޅި ގާސިމްގެ ކަރުގައި ޖައްސައިގެން އެ އަޑު ހުއްޓުވުމަށް ކަމަށާއި އެކަންވެސް ކުރެވޭ ގޮތް ނުވުމުން ވަޅިން ގާސިމްގެ ކަރަށް އެއްފަހަރު ހަމަލާދީފައިވާކަން ފާހަގަކުރެވޭ ކަަމަށް ސާމިހު ވިދާޅުވިއެވެ.

މީގެ އިތުރުން ގާސިމްގެ ކަރަށް ދީފައިވަނީ އެންމެ ހަމަލާއެއް ކަމަށާއި ބިރު ދެއްކި ވަގުތު އެ ހަމަލާދިން ސަލާމަތްވުމަށް ކުރި މަސައްކަތުން ގާސިމްގެ އަތަށްވެސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި ހަމަލާއަށްފަހު އަދުހަމް ކާރުން ނިކުމެގެން ހާފުވޭ ހައުސް ކުރިމަތީގައި އޮތް ގަސްތަކެއްގެ ތެރެއަށް ވަދެ އޭނާގެ އަންނައުނުގެ ތެރެއިން ގަމީސް ވަކިތަނެއްގައި ފޮރުވުމަށްފަހު ރައްޓެއްސެއްގެ އަތުން އެހެން ހެދުމެއް ލައިގެން މާލެ ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހަމަލާގައި އިތުރު އެއްވެސް ބައެއްގެ ބައިވެރިވުމެއް އޮތްކަން މިހާތަނަށް ތަހުގީގަށް ފާހަގަވެފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް