ސްރީލަންކާގައި ދިން އީސްޓާ ބޮމުގެ ހަމަލާއިގައި ތުހުމަތު ކުރެވޭ މީހުންނާއި ދެކޮޅަށް 23،000 ދައުވާ އުފުލައިފި އެވެ.
މި ހަމަލާތައް ދީފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ކްރިސްޓިއަން ދީނުގެ ތިން ފައްޅިއަކާއި ލަންކާގެ މަޝްހޫރު ތިން ޓޫރިސްޓު ހޮޓަލަކަށް އަމާޒު ކޮށެވެ. މި ހަމަލާތަކުގައި 267 މީހުން މަރުވެ 500 މީހުން ޒަހަމްވެފައިވެ އެވެ.
ހަމަލާތައް ދީފައިވަނީ އަށް މީހަކު ޖާނުންފިދާވެގެންނެވެ. ދައުވާ އުފުލާފައިވަނީ މި ހަމަލާތައް ރޭވިކަމަށް ތުހުމަތު ކުރެވޭ މީހުންނާއި ޖާނުން ފިދާވެގެން ހަމަލާދިން މީހުންގެ އާއިލާ މީހުން ހިމެނޭހެން 25 މީހެއްގެ މައްޗަށެޗެ. އޭގެ ތެރޭގައި ޖާނުން ފިދާވެގެން ހަމަލާދިން އެއްބަނޑުއެއްބަފާ ދެބެއިންގެ ބައްޕަ ހިމެނެ އެވެ.
ސްރީލަންކާގެ ފަހުގެ ތާރީހުގައި ދިން އެންމެ ނުރައްކާތެރި މި ހަމަލާތަކުގައި ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން ހަ މީހެއްގެ ގާނޫނީ ވަކީލު ނޫރްދީން ޝަހީދު ވިދާޅުވީ ކަމާއި ނުގުޅޭ ގިނަ ބަޔަކަށް ދައުވާ އުފުލާފައިވާތީ އެ ހަމަލާތަކުގައި މަރުވި މީހުންނާއި ޒަހަމްވި މީހުންނަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ހަގީގީ ނަތީޖާ ނުނުކުންނާނެ ކަމަށެވެ.
މި މައްސަލައިގަ ޝަރީއަތްތައް ފަށާފައި މިވަނީ އެމީހުންނާއި ދެކޮޅަށް ދައުވާކޮށް ޝަރީއަތް ފެށުން ލަސްވެގެން މަރުވި މީހުންގެ އާއިލާތަކާއި ކްރިސްޓިއަން ދީނުގެ ލަންކާގެ އިސް ސަފުގައި ހަރަކާތްތެރިވާ މީހުން ހިތްހަމަ ނުޖެހުން ފާޅު ކުރަމުންދަނިކޮށެވެ.
މި ހަމަލާގައި މަރުވި މީހުންގެ ތެރެއިން 45 މީހުންނަކީ ބިދޭސީންނެވެ. ހަމަލާގައި ޒަހަމްވި މީހުންގެ ތެރޭގައި ހިމެނޭ ހުރިހާ އެންމެންނަކީ ލަންކާގެ ބައިމަދު ކްރިސްޓިއަން ދީނުގެ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް