ރިޝްވަތު ހިފުމުގެ ދައުވާ ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފުގެ މައްޗަށް ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ކޯޓަށް ފޮނުވައިފި އެވެ.
ޕީޖީ އޮފީހުން މަހުލޫފްގެ މައްޗަށް އުފުލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާ އެވެ.
ޔޫތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މަހުލޫފްގެ މައްޗަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ދައުވާކޮށްދިނުމަށް އެދި އޭސީސީން، ޕީޖީ އޮފީހަށް ފޮނުވީ މިއަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު އެވެ.
އޭސީސީން ބުނެފައިވަނީ މަހުލޫފުގެ މައްޗަށް ދައުވާ ކުރަން ފޮނުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33,000 އެމެރިކާ ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގަށް އެނގިފައިވާތީ ކަމަށެވެ.
އެސްއީޒެޑް ބިލް ފާސްކުރުމަށް ވޯޓު ދިނުމުގެ ގޮތުން މެލޭޝިޔާގައި ހުރުމަށްފަހު 2014 ވަނަ އަހަރުގެ އޮގަސްޓް 27 ގައި ބޭއްވި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ ސީދާ މަޖިލީހުގެ ވޯޓަށް ކަމަށް ވެސް އޭސީސީން ބުނެފައި ވެއެވެ.
އެ މައްސަލައިގައި ދައުވާކުރަން ފޮނުވުމާ ގުޅިގެން މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިނިސްޓަރގެ މަގާމުން މަހުލޫފު ސަސްޕެންޑުކުރައްވާފަ އެވެ.
ނަމަވެސް ހަތަރު މަހަށް ފަހު މިދިޔަ އޮކްޓޫބަރު މަހުގެ ދިހަވަނަ ދުވަހު އޭނާގެ ސަސްޕެންޝަން ވަނީ ނިމުމަކަށް ގެނެސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް