ކުޅިވަރުގެ ޝަޚްސިއްޔަތު ތަރަބޫޒު ރިޟާ ނިޔާވެއްޖެ - ޖަނާޒާ މިރޭ ޢިޝާ ނަމާދަށް ފަހު

ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝަޚްސިއްޔަތު ހ. ތަރަބޫޒުގެ، އަހްމަދު ރިޟާ (ތަރަބޫޒު ރިޟާ) ނިޔާވެއްޖެ އެވެ. ދުވަސްއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޟާ ނިޔާވީ މިއަދުގެ ވަގުތެއްގަ އެވެ. މަ...

24 Nov 2021 | 12:11

ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝަޚްސިއްޔަތު ހ. ތަރަބޫޒުގެ، އަހްމަދު ރިޟާ (ތަރަބޫޒު ރިޟާ) ނިޔާވެއްޖެ އެވެ.

ދުވަސްއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޟާ ނިޔާވީ މިއަދުގެ ވަގުތެއްގަ އެވެ.

މަރްހޫމް ރިޟާއަކީ ފުޓްބޯޅަ ކުޅުއްވުމާއި ފުޓްބޯޅަ ރެފްރީކަން ކުރެއްވުމުގައި ވެސް ފުންނާބު އުސް ފަރާތެކެވެ. އަދި ހޮކީ ކުޅުއްވުމުގައި ވެސް ރިޟާގެ ހުނަރުވެރިކަން ވަނީ ފާހަކަ ކުރެވިފަ އެވެ.

ހޮކީގައި ރިޟާއަކީ ގޯލް ކީޕަރަށް ކުޅުއްވި ފަރާތަކަށްވާ އިރު، އިދިކޮޅު ޓީމުތަކުން އެންމެ ޖެހިލުންވާ ގޯލް ކީޕަރަކީ ވެސް ރިޟާ އެވެ.

ކުޅިވަރުގެ ދާއިރާގެ އިތުރުން މުނިފޫހިފުލިވުމުގެ ދާއިރާގައި ވެސް ރިޟާ ފާހަގަކޮށްލެވެ އެވެ. އެގޮތުން ލަވަ ކިޔުމާއި މަގުމަތީ ޑްރާމާ ކުޅުއްވުމުގައި ރިޟާއަކީ ފާހަގަކޮށްލެވޭ ފަރާތެކެވެ.

މިއުޒިކް އުފެއްދުމާއި މިއުޒިކް ކުޅުމާއި ލަވަކިޔުމުގައި ވެސް ގިނަ ދުވަސްތަކެއްގައި ޚިދުމަތްތަކެއް ކުރައްވާފައިވާ އިރު، އޭނާގެ އަމިއްލަ ގޭގައި "ރިޒާ ސްޓޫޑިއޯ" ގެ ނަމުގައި މިއުޒިކް ސްޓޫޑިއޯއެއް ހަދައި އެތަނުގައި ލަވަ ރެކޯޑްކޮށް ވަނީ ގިނަ އަލްބަމްތަކެއް ވެސް ނެރެފަ އެވެ.

އެ ސްޓޫޑިއޯ އިން ގިނަ މިއުޒީޝަނުންނާއި ލަވަކިޔުންތެރިން އުފައްދާފައުވާ އިރު، ޓީވީއެމްގެ ކުޑަކުޑިންގެ ލަވަ މުބާރާތާއި އަތޮޅު ލަވަމުބާރާތުގައި ކުދިންނަށް ލަވަ ދަސްކޮދިނުމުގައި ވެސް ރިޟާ ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފަ އެވެ.

ޢުމުރުން 67 އަހަރުގައި ނިޔާވި ރިޟާގެ ޖަނާޒާ އޮންނާނީ މިރޭ ޢިޝާ ނަމާދަށް ފަހު، މަސްޖިދު ތަޢާވުން (އާސަހަރާ މިސްކިތް) ގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް