ޝަރުތު ހަމަވާ ޕްރިންސިޕަލުން ނުލިބޭ: ޑރ. އައިޝަތު އަލީ

ރާއްޖޭގެ ސްކޫލްތަކަށް ޝަރުތު ހަމަވާ ޕްރިންސިޕަލުން ނުލިބޭ މައްސަލަ ބޮޑުކަމަަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. ޑރ. އައިޝަތު އަލީ މިހެން ވިދާޅުވީ، މިދިޔަ އަހަރުގެ ކުރީ ކޮޅު...

24 Nov 2021 | 10:58

ރާއްޖޭގެ ސްކޫލްތަކަށް ޝަރުތު ހަމަވާ ޕްރިންސިޕަލުން ނުލިބޭ މައްސަލަ ބޮޑުކަމަަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ޑރ. އައިޝަތު އަލީ މިހެން ވިދާޅުވީ، މިދިޔަ އަހަރުގެ ކުރީ ކޮޅުން ފެށިގެން ރ. މަޑުއްވަރީ ސްކޫލަށް ޕްރިންސިޕަލަކު ނުލިބޭ ކަމަށް ވިދާޅުވެ، އާދަމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

މިނިސްޓަރު ވިދާޅުވީ މަޑުއްވަރީ ސްކޫލުގެ ޕްރިންސިޕަލް މިދިޔަ އޮގަސްޓް މަހުގެ 15ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ސްކޫލަށް ޕްރިންސިޕަލެއް ހޯދުމަށް ތިން ފަހަރެއްގެ އިއުލާންކޮށްފައިވާ ކަމުގައެވެ. އަދި ފުރަތަމަ އިއުލާން ކުރި ދެ ފަހަރު ވެސް އެ މަގާމަށް ޝަރުތު ހަމަވާ ޕްރިންސިޕަލެއް ނުލިބުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރު ތިން ވަނަ ފަހަރަށް ޢިއުލާނު ކޮށްގެން އެ މަޤާމަށް ކުރިމަތިލާ ފައިވަނީ މެލޭޝިއާގައި ހުންނެވި ބޭފުޅެއް ކަމުގައެވެ. އެބޭފުޅާ މާލެ ވަޑައިގަތުމުން އަންނަ ހަފްތާގައި ވަޒީފާ ހަމަޖައްސާފައި ސުކޫލަށް ފޮނުވޭވެ ކަމުގަ އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ބައެއް ރަށްތަކަށް ޕްރިންސިޕަލުން ހޯދުމަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާކަމުގަ އެވެ. އޭގެ ސަބަބެއްގެ ގޮތުގައި އެ ކަމަނާ ފާހަގަކުރެއްވީ، އެ މަޤާމުގެ މުސާރަ ކުޑަވުމުން އެއަށް ވުރެ ބޮޑެތި މުސާރަ ލިބޭ ވަޒީފާތަކަށް، އެފަދަ ކޯސްތައް ފުރިހަމަކޮށްފައިވާ ތަޖުރިބާ ކާރު ޢިލްމީ ބޭފުޅުން ބަދަލުވުމެވެ.

ނަމަވެސް އެ ކަންކަން ހައްލުކުރުމަށްޓަކައި ޕްލޭންތަކެއް ހަަދައިި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމުގައި އެ ކަމަނާ ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި އެކަމަނާ ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ޕްރިންސިޕަލުންގެ ތަފާސް ހިސާބު ހާމަ ކުރައްވާފަ އެވެ. އެގޮތުން، ދާއިމީ ޕްރިންސިޕަލުންގެ ގޮތުގައި 165 ދިވެހިން މަސައްކަތް ކުރަމުންދާއިރު، ވަގުތީ ޕްރިންސިޕަލުންގެ ގޮތުގައި 28 ދިވެހިން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ބިދޭސީ ޕްރިންސިޕަލުންގެ ގޮތުގައި  20 ފަރާތެއް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް