ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި މިހާރުކުރިއަށްދާ މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓުގެ ރޭ ކުޅުނު މެޗުތައް ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރްސީ) އާއި ޝައިނިންގ ސްޓާރ ކާމިޔާބުކޮށްފި އެވެ.
ރޭ ކުޅެފައިވަނީ އަންހެން ޑިވޝަންގެ ދެ މެޗެވެ.
ކޭވައިއާރްސީން މެޗު ކާމިޔާބުކުރީ ޔޫތް ޔުނައިޓެޑާ ވާދަކޮށް 70 ޕޮއިންޓު 14 ޕޮއިންޓުން ނެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ކޭވައިއާރްސީގެ މަރިޔަމް ޝިނާއަތު އެވެ.
ރޭ ކުޅުނު ދެވަނަ މެޗަކީ ވެސް ބަލާހިތްވާ ފޯރިގަދަ ކުޅުމެއް ފެނުނު މެޗެކެވެ. މި މެޗުގައި މެޓްރިކްސް އާއި ޝައިނިންގ ސްޓާރ ބައްދަލުކޮށް 72 ޕޮއިންޓު 12 ޕޮއިންޓުން މެޗު ކާމިޔާބުކުރީ ޝައިނިންގ ސްޓާރ އެވެ.
މި މެޗުގެ ކްއީން އޮފް ދަ މެޗަށް ހޮވުނީ ޝައިނިންގ ސްޓާރ ގެ ހަމްނާ ޢަބްދުލްރަހްމާން އެވެ.
މި މުބާރާތުގައި މިރޭ ކުޅެނީ އަންހެން ޑިވިޝަންގެ މެޗަކާއި ފިރިހެން ޑިވިޝަންގެ މެޗެކެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލޮރެންޒޯ އާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ. މިއީ އަންހެން ޑިވިޝަންގެ ގްރޫޕް ބީ ގެ މެޗެކެވެ. މި މެޗު ފަށާނީ 19:45 ގަ އެވެ. މިރޭ ދެން ކުޅޭނީ ފިރިހެން ޑިވިޝަންގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ސްކައިލާރކް އާއިި މެޓްރިކްސް އެވެ.
މިއަހަރުގެ މުބާރާތް ކުރިއަށްދަނީ އަންހެން އަދި ފިރިހެން ޑިވިޝަނަށް ހުޅުވާލައިގެން ނެވެ. މިއަހަރުގެ މުބާރާތުގައި އަންހެން 9 ޓީމު ބައިވެރިވެފައިވާ އިރު، އެޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލާފަ އެވެ.
ގްރޫޕް އޭގައި ހިމެނެނީ ގްރީން ސްޓްރީޓްސް، ޒެނިތް ސްޕޯޓްސް، ކްލަބް މެޓްރިކްސް، ޝައިނިންގ ސްޓާރ އަދި ޔުނައިޓެޑް ޔުނިޓީ އެވެ. ގްރޫޕް ބީގައި ހިމެނެނީ ކުޅުދުއްފުށި ޔީތް އެންޑް ރެކްރިއޭޝަން (ކޭވައިއާރްސީ)، ޔޫތް ޔުނަިއޓެޑް، ލޮރެންޒޯ އަދި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.
މި މުބާރާތުގެ ފިރިހެން ބައިގާ ބައިވެރިވެފައިވަނީ ސްކައިލާރކް، ކޭވައިއާރްސީ އަދި މެޓްރިކްސް އެވެ.
ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ބާއްވާ މި މުބާރާތުގެ މެޗުތައް ބެލުމަށް ހިލޭ ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
އެޗްޕީއޭގެ ގައިޑުލައިންތަކަށް އިޙްތިރާމު ކުރުމަށް އެދި، ނެޓްބޯލް އެސީސިއޭޝަނުން ބުނީ މެޗު ބެލުމަށް ވަދެވޭނީ ކޮވިޑު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތަކަށް ކަމަށެވެ. އަދި މާސްކު އަޅައިގެން އިޖުތިމާޢީ ގައިދުރުކަމާއެކު ކުޅިބަލަން ތިބުމަށް އެ އެސޯސިއޭޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް