ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލެވެންސް 5000ރ އަށް ބޮޑުކޮށްދިނުމަށް އެދި ޕެޓިޝަނެއް

ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދެމުން އަންނަ އެލެވެންސް 5000 ރުފިޔާ އަށް ބޮޑުކޮށްދިނުމަށް އެދި އޮންލައިން ޕެޓިޝަނެއް ހިންގަން ފަށައިފި އެެވެ. ރައީސުލްޖުމްހޫރިއްޔާ އ...

24 Nov 2021 | 06:27

ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދެމުން އަންނަ އެލެވެންސް 5000 ރުފިޔާ އަށް ބޮޑުކޮށްދިނުމަށް އެދި އޮންލައިން ޕެޓިޝަނެއް ހިންގަން ފަށައިފި އެެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަަށް ހުށަހަޅާ މި ޕެޓިޝަނުގައި ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އިނާޔަތް ފޯރުކޮށްދިނުމަށް ހެދިފައިވާ ގާނޫނު ނަމްބަރު 8/2010 ގެ 26 ވަނަ މާއްދާއިން ލިބިދޭ -/2000 ރުފިޔާގެ ފައިސާގެ އިނާޔަތަކީ، މިހާރު ދިވެހިރާއްޖޭގެ ޚިދުމަތާއި ތަކެތީގެ އަގު ހުރިގޮތައް ބަލާއިރު އެކަށީގެންވާ މިންވަރެއް ކަމުގައި ނުދެކޭކަމުގަ އެވެ.

ހަމައެހެންމެ އާންމު ދިރިއުޅުމުގެ މިންގަނޑުން ބަލާއިރު ވެސް، ކެއިން ބުއިމާއި އުނުއޮރިޔާން ނިވާ ކުރުން ފަދަ ޒަރޫރީ ބޭނުންތައްވެސް މިހާރު ކަނޑައަޅާފައިވާ މާލީ އިނާޔަތުން ނުފުދޭކަމުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ބައެއް ފަރާތްތަކަކީ ޒަވާޖީ ޙަޔާތެއްފެށި، ދިރިއުޅުމުގެ އެތަކެއް ޚަރަދުތަކާއި އާއިލީ އެތަކެއް ޒިންމާތަކެއް އުފުލަން ޖެހިފައިވާ ފަރާތްތަކެއް ކަމުގައި ބުނެފައި ވެއެވެ. އަދި އަނެއްބައި ފަރާތްތަކަކީ ދިރިއުޅުމެއް ފަށަން ބޭނުންވެފައި ނަމަވެސް ވަޒީފާގެ ފުރުސަތު ހަނިކަމުން އާމްދަނީއެއް ލިބޭނެ އިތުރު މަގުތަކެއް ފަހިވެފައި ނެތުމުގެ ސަބަބުން، ދިރިއުޅުމެއް ފެށިފައި ނުވާ މީހުންކަމުގައި ބުނެފައި ވެއެވެ.

މިކަމުގެ ސަބަބުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތައް ވެފައިވަނީ، ދިރިއުޅުމުގެ މުހުތާދުތައް ނުފުދި މުޖުތަމަޢުން އެކަހެރިވެ ނިކަމެތި ވެފައިވާ ފަރާތްތަކެއް ކަމަށާއި މިފަރާތްތަކަށް ޤާނޫނުން ލިބިދޭންޖެހޭ އެތަކެއް ހައްޤުތަކަކާއި ހަމަހަމަ ފުރުސަތުތަކުން ވަނީ މަހްރޫމްވެފައި ކަމުގައި ފާހަގަ ކޮށްފައި ވެއެވެ.

އެހެންކަމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރި ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހެދިފައިވާ ޤާނޫނީ މަޤުސަދު ހާސިލްކުރުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް އަބުރުވެރި ޠާހިރު ދިރިއުޅުމެއް ހޯދައިދިނުމަށް އެ ޕެޓިޝަނުގައި ގޮވާލާފައިވެއެވެ.

މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެމުން ދާ ފައިސާގެ އިނާޔަތް އިތުރުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެފައިވާ ވައުދު ފުއްދުމަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ ފައިސާގެ އިނާޔަތް މަދުވެގެން -/5000 ރުފިޔާއަށް އިތުރުކޮށްދިނުމަށް އެދި ގޮވާލާފައި ވެއެވެ.

ޕެޓިޝަންގެ ލިންކް:

https://l.facebook.com/l.php?u=https%3A%2F%2Fdocs.google.com%2Fforms%2Fd%2Fe%2F1FAIpQLScQMVE8gges0bffIufnL9XrOZTlSXN-9_yQFUJQlGNmj8DmkQ%2Fviewform&h=AT2eusleqKEG0LDTv6dHJV32eqKh5szJe53nieBADGDAsl3CRw_1AQqyn7xPP1-kC30tr0_gqG6IGsL1vGFsZ775DnMzn35DI1W-nh8S2uOzEHBIq2vXZdOAG7ibi8R--K6mfDjA3MwzqO0&s=1

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް